12 Oct 2010, 09:50
ވިލާ ގޭހުގައި މަސައްކަތް ކުރާ މީހަކަށް ބިރު ދައްކައި ވަޅިން ހަމަލަ ދިނުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އިއްޔެ ހަވީރު 5:30 އެހާ ކަންހާއިރު ވިލާ ގޭހުގެ ފައިސާތަކެއް އެތަނުގެ މުވައްޒަފެއްގެ އަތުން ބަޔަކު މީހުން ފޭރިގަތް މައްސަލަ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގެ ތަފުސީލު ފަހުން އާންމު ކުރާނެ ކަމަށެވެ.
ވިލާ ގޭހުގެ މެނޭޖަރު މުހައްމަދު ދީދީ މިއަދު ވިދާޅުވީ ވިލާ އެ އޮފީހުގެ އޮފީސް އެސިސްޓެންޓަށް ބިރުދައްކައި ބުރަކަށީގައި ވަޅިން ޖެހުމަށް ފަހު 306000ރ. ހުރި ފައިސާ ދަބަހެއް ފޭރި ގަތީ އިއްޔެ ހަވީރު އެ ފައިސާތައް ވިލާގެ މައި އޮފީހަށް ގެންދިއުމަށްޓަކައި ކާރަށް އަރަން ވެގެން ދޮރު ހުޅުވައިލި ވަގުތު ކަމަށެވެ. އަދި އެ ދަބަހުގައި ގިނަ އަދަދެއްގެ ޗެކްތައް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފައިސާތަކާއެކު ކާރަށް އަރަން އުޅުނު ވަގުތު އައިސް ބުރަކަށީގައި ވަޅިން ޖަހައި ވައްޓާލުމަށް ފަހު ސައިކަލެއްގައި ދަބަސް ހިފައިގެން ފިލީ. އަޅުގަނޑަށް ލަފާ ކުރެވެނީ ވަރަށް ގިނަ ދުވަހު ފާރަލުމަށް ފަހު ކުރި ކަމެއް ކަމަށް،" މުހައްމަދު ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަޅީގެ ހަމަލަ އަމާޒުވި އޮފީސް އެސިސްޓެންޓުގެ ބުރަކަށީގައި ހުރި ޒަހަމަށް މިހާރު ފަރުވާދީފައިވާ ކަމަށެވެ.
"އޭނާ ބުނި ތަދެއްވެސް ނުވެޔޭ،" މުހައްމަދު ދީދީ ވިދާޅުވި އެވެ. "ޒުވާން ކުއްޖެއްވީމާ އެހެން ބުނަނީކަން ނޭނގެ،"