26 Feb 2013, 16:07
ޒިނޭކުރުމުގެ ދައުވާ ދައުލަތުން އުފުލި ށ. ފޭދޫގެ އަންހެން ކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވާތީ އެކުއްޖާގެ ގައިގައި 100 އެތިފަހަރުން ހައްދު ޖެހުމާ އެކު އަށް މަސް ދުވަހަށް ގޭބަންދު ކުރުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވީ އުމުރުން 15 އަހަރުގައި އަމިއްލަ ރުހުމުގައި ޒިނޭކުރިކަމަށް ޝަރީއަތުގެ މަޖިލީހުގައި އެކުއްޖާ އިއުތިރާފުވުމުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ 100 އެތިފަހަރުން ހައްދު ޖެހުމާއެކު އަށް މަސް ދުވަހަށް ގޭބަންދު ކުރުމަށް ހުކުމް ކޮށްފައިވާއިރު އެކުއްޖާ ތަންފީޒު ކުރަންޖެހޭ ގޭބަންދުގެ ހުކުމުގެ މުއްދަތުގައި ކުޑަކުދިންގެ ހިޔާގައި ބެހެއްޓުމަށް ވެސް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.
އާންމު އުސޫލުން ޒިނޭގެ ކުށް ސާބިތުވެ ހުކުމް ކުރުމާ އެކު ކޯޓުން ހައްދު ޖެހުމުގެ ކަންތައް ކުރިއަށް ގެންދާ ކަމަށާއި ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި އެކުއްޖަކު އެދިއްޖެ ނަމަ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަކީ ކޯޓުން އަމަލު ކުރާ އުސޫލެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޖިންސީ އަނިޔާ ލިބިފައިވާ އެ ކުއްޖާ މިހާރު ބޭސްފަރުވާގެ ކަންތައް ކުރިއަށް ގެންދާކަމަށް ކޯޓަށް އަންގާފައިވާ ކަމަށާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުން ބޭސްފަރުވާގެ ކަންތައް ނިމެންދެން ޒިނޭގެ ހައްދު ޖެހުން ފަސްކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެހެން މީހަކާ އެކު ރުހުމުގައި އެ އަންހެން ކުއްޖާ ޒިނޭކުރިކަން ފެންމަތިވީ ދޮންބައްޕަ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކޮށްގެން ލިބުނު ދަރިފުޅު މަރާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. އެހެން ކަމުން އެ ކުއްޖާއަށް ދޮން ބައްޕަ ކުރި ޖިންސީ ގޯނާ އާއި އެ ކުއްޖާ އަމިއްލަ ރުހުމުގައި ކުރި ޒިނޭއާ މިއީ ތަފާތު ދެ މައްސަލައެއްކަން އޮފިޝަލުން ފާހަގަ ކުރައްވައެވެ. އެ ކުއްޖާއަށް މިއަދު ހުކުމް ކުރެވުނީ އެކުއްޖާގެ އަމިއްލަ ރުހުމުގައި ކުރި ޒިނޭގެ ކުށް ސާބިތު ވުމުންނެވެ.
އަންހެންކުއްޖާ ވިހެއި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮންބައްޕަ އާއި އެކުއްޖާގެ މަންމަގެ މައްޗަށް ދައުލަތުން ވަނީ "ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ" އުފުލާފަ އެވެ.
އެ ދައުވާގެ އިތުރުން ދޮންބައްޕަގެ މައްޗަށް ވަނީ އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ ވެސް އުފުލާފަ އެވެ.