26 Feb 2013, 15:20
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241) ކޮމެޓީގެ ދާއިރާގެ މަސައްކަތްތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ނުބެލޭނެތީ، ފުލުހުން އެ ކޮމެޓީ އަށް ހާޒިރު ނުވުމަށް އެޓާނީ ޖެނަރަލް (އޭޖީ) އައިޝަތު އާޒިމާ ޝުކޫރު ލަފާދެއްވައިފި އެވެ.
ފުލުހުންގެ އިދާރާ އަށް އޭޖީ ލަފާދެއްވީ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން ފުލުހުން ހާޒިރު ކުރަމުންދާ މައްސަލާގައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އޭޖީގެ ލަފަޔަކަށް އެދިވަޑައިގަތުމުންނެވެ. އޭޖީ އެގޮތަށް ލަފާދެއްވާފައި ވުމުން ރިޔާޒް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހީދަށް ފޮނުއްވެވި ސިޓީއެއްގައި ބުނެފައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީ އަށް ފުލުހުންގެ އިތުރުން ކޮމިޝަނަރު ވެސް ހާޒިރުނުވާނެ ކަމަށެވެ.
މަސްއޫލިއްޔަތު ކޮމެޓީ އަށް ހާޒިރު ނުވާނެ ކަމަށް ރިޔާޒް އަންގަވާފައިވާ އިރު، ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދިނުމަށް ފުލުހުން ނިންމި ނިންމުމާ ދެކޮޅަށް ސިވިލް ކޯޓުން ހުކުމްކޮށްފައި އޮތުމުން ރިޔާޒާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމާފައިވެ އެވެ.
ހޯމް މިނިސްޓްރީން ކޮމެޓީ އަށް އަންގާފައި ވަނީ ހޯމް މިނިސްޓަރު ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭތީ އާއި މިހަފްތާގެ ބާކީ އޮތް ދުވަސްތަކުގައި ރަށުގައި ނޫޅުއްވާނެތީ އެމަނިކުފާނު ހާޒިރުވެވަޑައިގަންނަވާ ދުވަސް އަންނަ ހަފްތާ އަށް ފަސް ކުރުމަށް އެދޭ ކަމަށެވެ.
މީގެ ކުރިން ކޯނީގެ ރިޕޯޓްގެ މައްސަލަ ފިޔަވައި އެހެން ހުރިހާ ކަމެއްގައި ފުލުހުން ދަނީ މަސްއޫލިއްޔަތު ކޮމެޓީ އަށް ހާޒިރުވެ ޖަވާބުދާރީވެވަޑައި ގަންނަވަމުންނެވެ. ނަމަވެސް ފުލުހުން ހާޒިރު ނުވުމަށް އޭޖީ ލަފާ ދެއްވުމުގެ ކުރިން މީހަކު ހުއްޓުވުމަށް މުގުރު ބޭނުން ކުރި ފުލުހަކު ކޮމެޓީ އަށް ހާޒިރު ކުރުމަށް ވަނީ ނިންމާފަ އެވެ.
އެއީ ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ކުރުމަށް ފުލުހަކު މުގުރު ބޭނުން ކުރުމުން ސައިކަލް ކޮންޓްރޯލުން ނައްޓައިގެން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި ހާދިސާގައި މުގުރު ބޭނުން ކުރި ފުލުސް މީހާ އެވެ.