ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދީފި އެވެ.

އެ އެޖެންސީން މިއަދު ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލެ އާއި އަތޮޅުތަކުގައި ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމުގެ ރިޕޯޓުތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެ ބަލި އިތުރުވަމުންދާ ކަމަށް ވެސް ހެލްތު ޕްރޮޓެކްޝަނށް އެޖެންސީން ބުނެ އެވެ.

އެބަލި އާންމުކޮށް ޖެހެނީ އުމުރުން އެއް އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށްވާތީ ހާއްސަކޮށް ޕްރީސްކޫލްތަކުގައި ކިޔަވާ ކުދިންނާއި އާންމުކޮށް ސްކޫލްތަކުގެ ގްރޭޑް އެކެއް ދޭއްގައި ކިޔަވާ ތުއްތުކުދީންގެ މެދުގައި އެބަލި ފެތުރިގެން ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ ބުނީ ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ ގައިގޯޅިވެ އުޅުމުގެ ތެރޭގައި ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅުން، ނުވަތަ އަރިދަފުސް ނުވަތަ ބޮޑުކަމުދާ ނަޖިސް އަދި ހަމުގައި ނަގާފޮޅުން ނިކުންނަ ދިޔައިން އެއް ކުއްޖެއްގެ ގައިން އަނެއް ކުއްޖެއްގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބައްޔެއް ކަމަށެވެ. އަދި އެބަލިން ރައްކާތެރިވުމަށް ސާފުތާހިރުވުމަށް ވީހާ ވެސް ބޮޑަށް ސަމާލުކަން ދިނުމަށް ވަނީ އެ އެޖެންސީން އެދިފަ އެވެ.

ހޭންޑް ފުޓް އެންޑް މައުތު ޖެހުމުން ފުރަތަމަ ވެސް ފެންނާނެ އަލާމަތްތަކަކީ ހުން އައުމާއި ކާހިތްނުވުމާއި ވަރުބަލިވުން އަދި ގައިގައި ރިއްސާ ކަރުތެރެފާރުވުން ފަދަ އަލާމާތް ތަކެވެ.