26 Feb 2013, 13:55
އާޓިފިޝަލް ބީޗް ސަރަހައްދުން ސައިކަލެއްގައި ދަނިކޮށް ދަގަނޑުބުރިއަކުން ހަމަލަދީ ޒަޚަމްކޮށްލުމާ ގުޅިގެން ލިބުނު ސީރިއަސް ޒަޚަމްތަކަށް ސްރީލަންކާގެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ރާއްޖޭ ޓީވީގެ ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑަށް) ހަމަލަދިން މައްސަލައާ ގުޅިގެން މިއަދު މީހަކު ހައްޔަރު ކޮށްފި އެވެ.
މީހަކު ހައްޔަރުކުރިކަން ކަށަވަރު ކޮށްދީފައި ވަނީ މިއަދު ކޮމިޝަނާ ކުރެއްވި ޓުވީޓެއްގަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ހުކުރު ދުވަހުގެ ރޭ އަސްވާޑަށް ހަމަލާދީފައި ވަނީ ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީނާ އެކު ދެ މީހުން ދެ ސައިކަލްގައި ބޮޑުތަކުރުފާނުމަގުން އާޓިފިޝަލް ބީޗު ސަރަހައްދުން ދުއްވާފައި ދަނިކޮށެވެ.
އަސްވާޑްގެ ބޮލުގައި ދަނގަޑު ބުރިއަކުން ޖެހުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އަރާފައިވީ ނަމަވެސް މިހާރު ސިނކުޑިއަށް ލޭ އެރުން ހުއްޓުވާފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރާއްޖެ ޓީވީން ވަނީ ބުނެފަ އެވެ. ނަމަވެސް މޫނުމައްޗަށާއި ކަންފަތް މައްޗަށް ދީފައިވާ ޒަހަމްތަކަށް ކުރަން ޖެހޭ އޮޕަރޭޝަން ކުރެވެން އޮތީ އަދި ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ވެސް ލަންކާގެ ޑޮކްޓަރުންނާ ހަވާލާދީ މިވަގުތު ލަންކާގައި ހުންނެވި ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފަ އެވެ.
އަސްވާޑަށް ހަމަލާދީ ޒަޚަމްކޮށްލުމުގެ ކުރިން ހަމަލަދީފައި ވަނީ ޓީވީއެމްގެ ދެ ނޫސްވެރި އަކަށެވެ.
ނޫސްވެރިންނަށްދޭ ހަމަލާތައް ކުށްވެރިކޮށް އެކަން ތަހުގީގުކުރުމަށް މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލާ މުޒާހަރާ ވެސްކޮށްފަ އެވެ.