މޯބައިލްފޯން އުފެއްދުމުގައި އެންމެ ދުވަސްވީ އެއް ކުންފުނިކަމަށްވާ ނޮކިއާ އިން އަގުހެޔޮ ސްމާޓް ފޯނެއް ބާޒާރަށް ނެރެފި އެވެ.

ނޮކިއާއިން އަލަށް ނެރުނު ވިންޑޯސް ފޯން 8 ސްމާޓްފޯންސްގެ ލުމިއާ 520 އާއި 720 އަކީ ސްމާޓްފޯން ބޭނުން ކުރާފަރާތްތަކަށް ވަރަށް ކުޑަހަރަދެއް ކޮށްލައިގެން ގަނެވޭ ވަރުގެ ފެންވަރު ރަނގަޅު އަދި ރީތި ފޯނެކެވެ.

ނޮކިއާ ލުމިއާ 520ގައި ހަތަރު އިންޗީގެ ސުޕްސެންސިޓިވް އައިޕީއެއް ޑިސްޕްލޭއަކާއި ފަސް މެގަޕިކްސެލްގެ ކެމެރާއެއް އިންދާފައިވާ އިރު އޭގައި އެއް ގިގަހާޓްޒް ޑުއަލްކޯ ޕްރޮސެސަރަކާއި 512އެމްބީ ރެންޑަމް އެކްސަސް މެމޮރީ (ރެމް) ހިމެނެ އެވެ. އަދި މައިކްރޯސިމް އާއެކު ވެސް ބޭނުން ކުރެވޭ މި ފޯނުގައި އަށް ގިގަބައިޓްގެ އިންޓާނަލް މެމޮރީ ސްޓޮރޭޖް ހިމެނޭ އިރު މައިކްރޯއެސްޑީ ކާޑު ބޭނުންކޮށްގެން 64 ގިގަބައިޓަށް ޖާގަ އިތުރު ކުރެވެ އެވެ.

ރަތްކުލަ، ނޫކުލަ، ރީނދޫކުލަ، ކަޅުކުލަ އަދި ހުދުކުލައާ އެކު ޖުމުލަ ފަސްކުލައެއްގެ ތޮށިގަނޑު ލެވިފައިވާ މިފޯނަކީ ވިންޑްސް އަށް އޮޕަރޭޓިން ނިޒާމް ބޭނުންކުރާ ފޯނުތަކުގެ ތެރެއިން ބާޒާރުން މިހާރު ލިބޭނޭ އެންމެ އަގުހެޔޮ އެއް ފޯނުކަމަށް އެކުންފުނިން ބުނެފައި ވެއެވެ. ވިލާތުގައި ލުމިއާ 520ގެ އަގު ހުރީ ޓެކްސް ނުހިމަނައި 139 ޔޫރޯ (2797 ރުފިޔާ) އެވެ.

ނޮކިއާ ލުމިއާ 720ގައި 4.3 އިންޗީގެ ޑިސްޕްލޭއެއް ހުންނަ އިރު 6.7 މެގަޕިކްސެލްގެ ކެމެރާއެއް އިންދާފައިވެ އެވެ. ޓެކްސްތައް ނުހިމަނައި މި ފޯނުގެ އަގު ގާތްގަނޑަކަށް އުޅެނީ 249 ޑޮލަރު (5011 ރުފިޔާ) އަށެވެ.

ނޮކިއާއިން އަލަށް ނެރުނު ދެ ސްމާޓްފޯން މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ހޮންކޮންގާއި ވިއެޓްނާމަށް ނެރޭ އިރު ދެވަނަ ކުއާޓާގައި ޗައިނާ އިންޑިއާ އަދި ޔޫރަޕާއި އޭޝިޔާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުގެ ބާޒާރަށްވެސް ނެރޭނެ ކަމަށްވެ އެވެ.