26 Feb 2013, 13:08
ހދ. ހިރިމަރަދޫ ރައްޔިތުންގެ ބަޔަކު ނިކުމެ އެ ރަށު ކައުންސިލް އިދާރާ އާއި ސިއްހީ މަރުކަޒު މިއަދު ބަންދުކޮށްފި އެވެ.
ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު \\\"ސަން\\\" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށު ކައުންސިލް އިދާރާގެ މިއަދު ހެނދުނު 11:00ގައި ރަށުގެ ރައްޔިތުންގެ ބަޔަކު ގޮސް ބަންދުކޮށްފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ އެ ރަށުގެ ބަނދަރު ހަދައިދޭނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް މި އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓްގައި ފައިސާ ހިމަނާފައި ނުވާތީ އެކަމާ ދެކޮޅަށް އިހްތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ.
\\\"ކައުންސިލް އިދާރާގައި އަޅުގަނޑުމެން ތިއްބައި ރަށު ރައްޔިތުންގެ ބަޔަކު އައިސް ކައުންސިލް އިދާރާ ވަނީ ބަންދުކޮށްފައި. ރައްޔިތުން އިހްތިޖާޖު ކުރަމުންދާ އެންމެ ބޮޑު އެއް ސަބަބަކީ މި ރަށުގެ ބަނދަރު ހެދުމަށް ޓަކައި ފައިސާ ހިމާނާފައިނުވުން. 30 މިލިއަން ރުފިޔާ ހިމަނަދޭނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވީ ނަމަވެސް ބަޖެޓުގައި އެ ފައިސާއެއް ނެތްކަން ރައްޔިތުން ފާހަގަ ކުރަނީ،\\\"
ވަހީދު ވިދާޅުވީ ރަށުގެ ހެލްތު ޕޯސްޓް ބަންދުކޮށްފައި ވަނީ ހެނދުނު ހެލްތު ޕޯސްޓް ހުޅުވަން ދިއުމުގެ ކުރިން ކަމަށާއި ހެލްތު ފޯސްޓް ބަންދުކުރީ އެ ރަށުގެ ޑޮކްޓަރު ނެތުމުން ކަމަށެވެ.
\\\"މި ރަށުގައި ކުރިން ހުރި ޑޮކްޓަރު ރަށަށް ދާން ޖެހިގެން ދިޔައީ. ގޮސްފައި އެނބުރި ނާދެ. އޭގެ ފަހުން ޑޮކްޓަރަކު ނެތި މިހާރު ގާތްގަނޑަކަށް 26 ދުވަސް ވެދާނެ،\\\" އޭނާ ވިދާޅުވި އެވެ.
ރަށު ސްކޫލުގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންތައް ތަކެއް އެބަހުރި ކަމަށް ބުނެ ރައްޔިތުން ނިކުމެ ސްކޫލް ވެސް ބަންދު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ސްކޫލް ބަންދު ނުކުރުމަށް އެމީހުންނާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.
ރަށު ބައެއް ރައްޔިތުން ނިކުމެ ކުރަމުންދާ އިހްތިތިޖާޖުތަކާ ގުޅިގެން އަދި އެއްވެސް ހަމަ ނުޖެހުމެއް ހިނގާފަ އެއް ނުވެ އެވެ.