26 Feb 2013, 13:04
ޒަމާނީ ކުލަތަކާ އެކު ތަރައްގީކޮށް، ބޮޑު ބަދަލުތަކަކާ އެކު އޮލިމްޕަސް އަންނަ ހުކުރު ދުވަހުގެ ރޭ އަލުން ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ އޮލިމްޕަސް ހުޅުވުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތައް އެންސީއޭއިން ވަމުން އަންނައިރު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރަށް ވެސް ކުލަ ގަދަ ހަފްލާ އަކާ އެކުގަ އެވެ.
ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ ސީއީއޯ އަލީ ވަހީދު (އަލިބެ) މިއަދު ވިދާޅުވީ އޮލިމްޕަސް ސިނަމާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވާއިރު އޮލިމްޕަސްގެ މުޅި ހޯލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން އޮލިމްޕަސް ހޯލުގެ މުޅި ތަޅުންގަނޑު ބަދަލުކޮށް ގޮނޑިތައް ވެސް މުޅިން އާ ކޮށްފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޮލިމްޕަސް ސިނަމާ ތްރީޑީ ފިލްމް އެޅުމޭ ގޮތަށް މިހާރު ތަން އަލުން ފަރުމާކުރެވިފައިވާތީ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ތްރީޑީ ފިލްމެއް ކަމުގައިވާ\\\\\\\"ހެންސަލް އެންޑް ގްރޭޓަލް\\\\\\\" އެރޭ އޮލިމްޕަހުގައި އަޅުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އެރޭ ހާއްސަކުރެވިފައިވަނީ ދައުވަތު ދީފައިވާ ފަރާތްތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
\\\\\\\" އޮލިމްޕަސް އަލުން ހުޅުވާއިރު ކުރިން އިށީދެގެން އިންނައިރު ކުރިމަތީގައި އިންނަ މީހާގެ ބޮލާ ހެދި ފަހަތުގައި އިންނަ މީހާއަށް ސްކްރީން ރަނގަޅަށް ނުފެންނާތީ ތަޅުގަނޑަށް ބަދަލު ގެނައީ، ތަޅުމަށް ބަދަލު ގެނަން ޖެހުނު އެއް ސަބަބަކީ އެއީ، އަނެއް ސަބަބަކީ ކުރިން ހުރި ގޮނޑިތަކުގެ ސައިޒް ނުލިބިގެން އަލުން ގެނައި ގޮނޑިތައް ބަހައްޓަން ޖާގަ ނުލިބިގެން މުޅި ތަޅުން ބަދަލުކުރީ، އެހެންވީމަ މިހާރު ހޯލް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަން ތަފާތުވެފަ، ފިލްމް ބަލަން ތިބޭއިރު ދިމާވާ ދަތިތައް މިވަނީ ހައްލުކުރެވިފައި،\\\\\\\" އަލިބެ ވިދާޅުވި އެވެ.
އޮލިމްޕަސްގައި މިހާތަނަށް ފިލްމް ދައްކަމުން ގެންދިޔައީ ކެންވަސްގައި ފިލްމް އަޅުވައިގެން ކަމުގައި ވިޔަސް އަލުން ހުޅުވާއިރު އޮލިމްޕަސްގައި ބޭނުން ކުރަމުން ގެންދާނީ އިންޓަނޭޝަނަލް ސްޓޭޑަޑްތަކުގެ ސިނަމާތަކުގައި ބޭނުންކުރަމުން ގެންދާ \\\\\\\"ސިލްވާ ސްކްރީން\\\\\\\" އެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ުކުރިން އޮލިމްޕަސް ސިނަމާއަށް ވަންނަ ފަރާތްތަކަށް ހޯލްތެރޭގައި ހޫނު ވުމުގެ މައްސަލަ ކުރިމަތިވެފައި ވިނަމަވެސް އަލުން ހުޅުވާއިރު މުޅި ހޯލް އެކޮށް އެއާކޯން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާއިރު އަދިވެސް ބައެއް ކަހަލަ ކަންތައްތައް މުޅިން ނިންމާ ނުލެވޭ ކަމަށް އަލިބެ ވިދާޅުވި އެވެ.
\\\\\\\"ހުޅުވުމުގެ ތައްޔާރީތައް ވަމުން މިގެންދަނީ، ހޯލްގެ ސައުޑްގެ މަސައްކަތްތައް މުޅިން އަދި ނިންމާ ނުލެވޭ، ނަމަވެސް އެދުވަހަށް ނިންމާލެވޭނެ ކަމަށް މިބަލަނީ، އަޅުގަނޑުމެން ވިސްނާފައި މިވަނީ ކުރިން ގެންގުޅުނު ސައުޑް ސިސްޓަމް \\\\\\\"ޑީޕީއެސް\\\\\\\" ސައުންޑް ސިސްޓަމަށް ބަދަލުކުރަން، އޭރުން ހޯލް ވަށައިގެންނާއި މަތިން ވެސް އަޑުތައް އަންނަ ގޮތަށް ހުންނާނީ،\\\\\\\" އަލިބެ ވިދާޅުވި އެވެ.
އޮލިމްޕަސް އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުވުމުގެ ތައްޔާރީތައް އެންސީއޭއިން ވަމުން ގެންދާއިރު އެތަން ހުޅުވުމަށް މީގެ ކުރިން ވެސް ތާރީހުތަކެއް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެތާރީހުތައް މުޅިން ފައިނަލް ނުވެ ދިޔައީ ލަސްވަމުންނެވެ.
އޮލިމްޕަސް ކުރިން ހިންގަމުން ގެންދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީންނެވެ. ނަމަވެސް އެކުންފުނިން އެތަން ހިންގި ދެ އަހަރު ދުވަހުގެ ތެރޭގައި އެތަނުގެ ފެނާއި ކަރަންޓް ބިލްތަކަށް އެތައް ލައްކަ ރުފިޔާއެއް އަރައިފައިވާއިރު އެތަން ބަންދުކުރީ ކަރަންޓް ބިލަށް ފައިސާ ނުދައްކައިގެން ބިލް ކަނޑާލުމާ އެކު ތަން އަލުން މަރާމާތު ކުރުމަށެވެ.
އަލިބެ ވިދާޅުވީ އޮލިމްޕަސް އަލުން ހުޅުވުމުގެ ކަންތައްތައް ލަސްވެގެން ގޮސްފައިވަނީ އޮލިމްޕަސް ހިންގުމަށް އާ ބޯޑާ ހަވާލުކުރި އިރު އެތަނުގެ ބިލްތައް ނުދައްކާ ހުރުމުން އެމައްސަލަތައް ހައްލުުކުރުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ކަމަށެވެ.