އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ޝަކުވާތައް ބަލައިގަތުމަށް މަދަނީ އިއްތިހާދުން މިއަދު މެންދުރު ކެންޕޭނެއް ފަށައި އެ ސްކޫލްގެ ކަންމަތީގައި ޑެސްކެއް ބަހައްޓައިގެން ބެލެނިވެރިންގެ ޝަކުވާ ބަލައިގަތުމުގެ މަސައްކަތްތައް ފައްޓައިފި އެވެ.


މަދަނީ އިއްތިހާދުން ބަލައިގަންނަނީ ތަފާތު ހަތަރު ވައްތަރެއްގެ މައްސަލަ އެވެ. އެއީ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާ ދެކޮޅަށް އެއްވެސް މައްސަލައެއް އޮތްތޯ އާއި އަރަބިއްޔާ ސްކޫލާ މެދު އެއްވެސް މައްސަލައެއް އޮތްތޯ އާއި ގްރޭޑް އެކަކުން ދިހައެއްގެ ކުދިން، އަންހެން ފިރިހެން އެއްކޮށްލައިގެން ކިޔަވައިދޭން ފެނޭތޯ އާއި ދިވެއްސާއި އިސްލާމް އިހްތިޔާރީ ކުރުމުން އެއްވެސް މައްސަލައެއް އެބައެއްތޯ އެވެ.


މަދަނީ އިއްތިހާދުގެ ފަރާތުން ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން އެ އިއްތިހާދުގެ ކްރިޓިކަލް އެނަލައިސަސް ގޮފީގެ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އިތުރުން މާލޭގެ އެހެން ސްކޫލުތަކުން ވެސް ޝަކުވާ ހުށަހެޅުމަށް އަންނަ ކަމަށެވެ. އެ ގޮތުން މަލޭގެ ތަފާތު އަށް ސްކޫލެއްގެ ބެލެނިވެރިން ޝަކުވާ ހުށަހެޅުމަށް އައިސްފައިވާ ކަމަށް އިބުރާހިމް ވިދާޅުވި އެވެ.


"އަޅުގަނޑުމެން މިކަމުގައި އުޅެލީމާ މި އިނގެނީ ބެލެނިވެރިންގެ ޝަކުވާ ހުޅަހަޅަން ބޭނުންވާ މިންވަރު. އަޅުގަނޑުމެން މި ގަސްތުކުރަނީ އެހެން ސްކޫލުތައް ދޮށުގައި ވެސް ޑެސްކު ޖަހައިގެން ޝަކުވާ ބަލައިގަތުމަށް."


މި ޝަކުވާތައް އެޑިއުކޭޝަން މިނިސްޓްރީ އަށާއި ކަމާ ބެހޭ އިދާރާތަކަށް ހުށަހާޅާނޭ ކަމަށް އެ އިއްތިހާދުން ބުނެ އެވެ.


"ބެލެނިވެރިންނަކީ ވަރަށް ހަމްބަލް [އާދައިގެބައެއް] ބައެއް ކޮންމެ ބޭފުޅަކަށް ގޮސް މިނިސްޓިރީއަށް ވަކިވަކިންނެއް މައްސަލައެއް ހުށައެއް ނޭޅޭނެ. އަޅުގަނޑުމެން ބޭނުން ވަނީ ބެލެނިވެރިންނަށް މިކަމުގައި އެހީވާން."


މަދަނީ އިއްތިހާދުން ފާޅުކުރުމުން ގެންދާ ޝުއޫރުތަކަށް ސަރުކާރުން އަހަންމިއްޔަތުކަން ދޭނެ ކަމަށް ރައިސޫލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކެއްޓަރީ މުހައްމަދު ޒުހައިރު ވަނީ މިއަދު ހެނދުނު ވިދާޅުވެފަ އެވެ. ނަމަވެސް މަދަނީ އިއްތިހާދުގެ ފަރާތުން ބުނަމުން ގެންދަނީ ޕްރެސް ސެކެރެޓަރީ ވިދާޅުވާ ވަހަކަފުޅަކީ ޤާނޫނީ ގޮތުން އެއްވެސް ބުރަދަނެއް އޮތް ވާހަކަފުޅެއް ނޫންކަމަށެވެ.


މަދަނީ އިއްތިހާދުން ހޮނިހިރު ދުވަހާއި އިއްޔެ ވެސް މުލީއާގެ ދޮށުގައި މުޒާހަރާ ކޮށްފައި އެވެ. އެމީހުން މުޒާހަރާ ކުރަމުން ގެންދަނީ ސްކޫލްތަކުގެ ބެލެނިވެރިންނާއި އެކުގައި ކަމަށެވެ. މުޒާހަރާތަކުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ގެންގުޅުއްވާ ތައުލީމީ ސިޔާސަތާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި އަންހެން ކުދިންނާއި ފިރިހެން ފިރިހެން ކުދިން އެއްކޮށްލައިގެން ކިޔަވައިދިނުމާ ދެކޮޅަށް އަޑު އުފުލާފައިވެ އެވެ.