ހޯމް މިނިސްޓްރީން 2011 ވަނަ އަހަރު ގާނޫނާއި ހިލާފަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ މިނިސްޓުރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހަސަން އަފީފުގެ މިނިސްޓަރު ކަމުގައި ހޯމް މިނިސްޓްރީން ހަރަދުކޮށްފައިވާ ފައިސާ 1،030،934ރ. އަށް އަރަ އެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ 2011 ވަނަ އަހަރުގެ ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެ ފާގޮތުން ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް އިއުލާން ކުރުމެއްނެތި މަސައްކަތްތަށް އެ މިނިސްޓްރީން ހަވާލުކޮށްފައިވެ އެވެ. އެގޮތުން ދަރުބާރުގޭ ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް އާންމުކޮށް އިއުލާންނުކޮށް 86329ރ. ހަރަދުކޮށްފައިވުމާއި މިނިވަންދުވަހު މިއުޒިކާއި ބޮޑުބެރު ޕްރޮގުރާމެއް ބެއްވުމަށް އިއުލާން ކުރުމެއް ނެތި އެ މަސައްކަތް 75000ރ. އަށް ބަޔަކާއި ހަވާލުކޮށްފައިވުމާއި އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކުވުމަށް ޓަކައި ސައުންޑް ހަމަޖެއްސުމަށް އިއުލާން ކުރުމެއްނެތި 36225ރ. އަށް ބަޔަކާއި ހަވާލުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ މައްސަލަތަކުގައި އޮޑިޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ ގާނޫނައި ހިލާފްވި ފަރާތްތަކާމެދު ފިޔަވަލު އެޅުމަށެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރުކަންތައްތަކުގެ ތެރޭގައި އެ މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށްގެން މިނިސްޓްރީގެ މުއައްޒިފުން ރޯދަ ވިއްލުމެއް ބޭއްވުމަށް 12548ރ. ހަރަދުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ފިނޭންސް މިނިސްޓުރީގެ ހުއްދަ ނުހޯއްދައި އެ މިނިސްޓުރީގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށާއި އެކިއެކި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވާ މުވައްޒަފުންނަށް ހެދުން ހޯއްދަވައި ދެއްވުމަށް ގަވައިދާހިލާފަށް ހަރަދުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން މިނިވަން ދުވަހުގެ ރަސްމިއްޔާތާއި ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތަށް މުއައްޒިފުންނަށް ހެދުން އެލަވަންސްގެ ގޮތުގައި 64000ރ. ހަރަދުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ ގާނޫނާ ހިލާފްވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ.

ހޯމް އެފެއާޒްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް އިމިގުރޭޝަން އެންޑް އެމިގުރޭޝަން އިން ވެސް ގާނޫނާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ވަށާފާރު ރޭނުމުގެ މަސައްކަތް މާއްލިއްޔަތު ގަވައިދާ ހިލާފަށް ހަވާލުކޮށްފައިވުމާއި ގާޒީ ބިލްޑިންގެ ގުރައުންޑް ފުލޯގެ އިރުމަތީ ބައި މަރާމާތުކުރުމަށް މާލިއްޔަތު ގަވައިދާ ހިލާފަށް ހަވާލުކޮށްފައިވުމާއި އެޑިޕާޓްމެންޓްގެ މުއައްޒިފުންގެ ޔުނީފޯމް ފެހުމުގެ މަސައްކަތް ދައުލަތުގެ މާލިއްޔަތު ގައިދާ ހިލާފަށް ހަވާލުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެޑިޕާޓްމެންޓްގެ ހަރަދުތަކުގެ ގޮތުގައި ގަވައިދާހިލާފަށް ކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ކޮންޓުރޯލާ އޮފް އިމިގުރޭޝަންގެ ފޯނު ބިލަށް އިތުރަށް 26729ރ. ދީފައިވާ ކަމާއި 2011 ވަނަ އަހަރު އެޑިޕާޓްމެންޓްގެ މުއައްޒިފުނަށް މުސާރައާއި އެހެނިހެން އިނާޔަތްތަށް ދެއްވުމުގައި 10 މުވައްޒަފަކަށް 48032ރ. އިތުރަށް ދެއްވާފައިވާފައިވާ އިރު ތިން މުއައްޒިފަކަށް 2329ރ. މަދުން ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެމައްސަލަ ތަކުގައި އޮޑިޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ އެކަންތައްތަކާ މެދު އިހުމާލްވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ.

ހޯމް އެފެއާޒްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާވިސްގެ ހިޔާނާތްތަކުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ގޮތާއި ހިލާފަށް ޝިފްޓް ޑިއުޓީ އެލަވަންސްގެ ގޮތުގައި 617257ރ. ހަރަދުކޮށްފައިވުމާއި މުއައްޒިފުނަށް މުސާރަ ދީފައިވާ އިރު ނުވަ މުއައްޒިފަކަށް 56123ރ. އިތުރަށް ދީފައިވާ އިރު ދެ މުއައްޒިފަކަށް 3473ރ. މަދުން ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ހަރުމުދަލުގެ ރަޖިސްޓްރީ އެކަށިގެންވާ ގޮތަށް ބަލަހައްޓާފައި ނުވުމާއި ގައިދީންގެ އަތުން އަތުލެވޭ ޖަލުގައި ގެންގުޅުން މަނާތަކެތީގެ ރެކޯޑްބެލެހެއްޓިފައި ނުވުމާއި ޑީޕީއާރްއެސްގެ ތިޖޫރިން 8691.26ރ. ގެއްލިފައިވުމާއި ހުއްދަނެތި ދައުލަތުގެ ފައިސާ އިން ވިޔަފާރި ކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ މައްސަލާގައި އޮޑިޓާ ޖެނެރަލް ވަނީ ގާނޫނައި ހިލާފްވި ފަރާތްތަކާ މެދު ފިޔަވަލު އެޅުމަށް ލަފާއަރުވާފަ އެވެ.

ހޯމް އެފެއާޒްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ފުލުހުންގެ އިދާރާގެ 2011 ވަނަ އަހަރުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ފާސްކުރެއްވި ބަޖެޓަށް ވުރެ އިތުރަށް 8317000ރ. ހަރަދުކޮށްފައިވާ ކަމަށާއި އަދި ރާއްޖެ އިން ބޭރުގައި ކޯސް ފުރިހަމަ ކުރައްވަމުންދިޔަ މުވައްޒިފުނަށް ފައިސާގެ އެހީ ދިނުން ހުއްޓާލިފަހުން ފުލުހުންގެ ތެރެއިން ޕޭލީވް އަދި ސުކޮލާޝިޕްގައި ވަޑައިގަންނަވާފައިވާ ފަރާތްތަކަށް މުސާރައާއި ބައެއް އެލަވަންސްތައް ދެއްވާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެކަމަށް ޖުމުލަ 13092ރ. ހޭދަކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ހޯމް އެފެއާޒް އިން 2011 ވަނަ އަހަރު މާލިއްޔަތު ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއްކޮށްފައިވާ އިރު އޮޑިޓާ ޖެނެރަލްގެ ލަފާގައި ވަނީ ގާނޫނާއި ގަވައިދުގެ މަތިން ހޯމް އެފެއާޒް އިން އަމަލުކުރުމަށް އިލްތިމާސްކޮށް ގަވައިދާހިލާފަށް އަމަލުކުރި ފަރާތްތަކާމެދު ފިޔަވަލުއެޅުމަށް އަންގާފަ އެވެ.