ނ. ވެލިދޫން މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިއަކާ އެކު މީހަކު ހައްޔަރު ކުރަން އުޅުމުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފޝަލު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެލިދުއަށް ގޮސް ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބްލެޓް ސައިޒުގެ އަށް ޕެކެޓާއި ބަނގުރާ ފުޅިއަކާ އެކު އުމުރުން 23 އަހަރުގެ މީހަކު އިއްޔެ މެންދުރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެމީހާ ހައްޔަރު ކުރުމުން ފުލުހުންނަށް އިންޒާރުދީ ފުލުހުންގެ މަސައްކަތަށް އެރަށުން ބަޔަކު ހުރަސް އަޅާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވެލިދޫ ކައުންސިލުން ބުނީ އިއްޔެ މެންދުރު އުމުރުން 23 އަހަރުގެ މީހާ ހައްޔަރުކުރުމުން އެކަމާ ބެހޭ މައުލޫމާތު ސާފުކުރަން ޕޮލިސް ސްޓޭޝަނަށް ދިޔަ މީހަކާއި ސްޓޭޝަން އިންޗާޖާ ދެމީހުން ޒުވާބު ކުރަން ފެށުމުން އެތަނަށް އެކަން ހައްލު ކުރުމަށް ދިޔަ އިތުރު ޒުވާނުންތަކަކާ އެކު ފަސް މީހަކު އިރުއޮއްސުނު އިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން ކަމަށް ބުނެ ބަޔަކު ހައްޔަރުކުރި ނަމަވެސް ޕޮލިސް ސްޓޭޝަން ތެރެއަށް މީހުން ވަނީ ހައްޔަރު ކުރި މީހާގެ މައުލޫމާތު ސާފުކުރަންދިޔަ މީހާ އާއި ސްޓޭޝަން އިންޗާޖާ ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެ އަޑުގަދަވާން ފެށުމުން ކަމަށެވެ.