26 Feb 2013, 11:33
ދެހާސް ބާރަ ވަނަ އަހަރުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަރަދުތައްކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އިއްޔެ އޮޑިޓް އޮފީހުން ނެރެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޕީޖީ އޮފީހުން ހަރަދުތައް ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 2012 ވަނަ އަހަރުގެ ބަޖެޓުގެ މަގުސަދުތައް ހާސިލްވާ ގޮތަށް ކަމަށެވެ.
\\\"މިއޮފީހުން ދެކޭ ގޮތުގައި، މައިގަނޑު ގޮތެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން 2012 ވަނަ އަހަރު ހަރަދުތައް ކުރައްވާފައި ވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ އޮފީހަށް (ޕީޖީ) ފާސްކޮށްދެއްވި ބަޖެޓުގެ މަގުސަދުތައް ހާސިލްވާ ގޮތަށް. އެބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް...\\\" ޕީޖީ އޮފީހުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ލިޔުއްވާފައިވެ އެވެ.
ޕީޖީ އޮފީހުގެ އޮޑިޓް ރިޕޯޓާ އެކު އާއްމުކޮށްފައިވާ މާލީ ބަޔާނުގައިވާ ގޮތުން 2012 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ޕީޖީ އޮފީހަށް ދީފައި ވަނީ 24.4 މިލިއަން ރުފިޔާ އެވެ.
އާމްދަނީގެ ގޮތުގައި ޕީޖީ އެ އޮފީހަށް 43،000ރ. ލިބިފައިވާ އިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ މުވައްޒަފުންގެ މުސާރައަށެވެ. އެ ގޮތުން 16.5 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ހަރަދުކޮށްފައިވާ ކަމަށް މާލީ ބަޔާނުން ދައްކަ އެވެ.