26 Feb 2013, 11:28
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހަންމަދު ލަތީފު ހަމަޖައްސަވައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ ލަތީފު ސީއީއޯގެ މަގާމަށް ހަމަޖެއްސެވުމުގެ އިތުރަށް އެ ބޯޑްގެ ޗެއާމަނަކަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވެސް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އަދި މުޅިން ބޯޑު އެކުލަވާލައި ނުނިމޭ ކަމަށެވެ.
ކުރިން އޮތް އެމްޕީއެލްގެ އަށް މެންބަރުންގެ ރައީސް އުވާލެއްވީ ކޮރަޕްޝަންގެ ތުހުމަތުތަކެއް އެ ބޯޑުގެ މައްޗަށް އުފުލުނު މައްސަލައަކާ ގުޅިގެންނެވެ. އަދި އެ ބޯޑު މެންބަރު މުހައްމަދު ޝިޔާމް ވަކިކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސް އަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. އޭނާ ބޯޑުން ވަކި ކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސަށް ހުށަހެޅުއްވީ އެ ކޮމިޝަނަށް ބޭނުންވާ، ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ލިޔުންތަކެއް ނުދިން ކަމަށް ކުރާ ތުހުމަތަކާ ގުޅިގެންނެވެ.
އެ މައްސަލައިގެ އިތުރުން އެމްޕީއެލްގެ މެނޭޖިންޑައިރެކްޓަރު އަދި ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިރު މަހުދީ އިމާދަށް 120،000ރ. އާއި 130،000ރ.ގެ މުސާރައެއް ބޯޑުން ކަނޑައެޅި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ މީޑިއާގައި ފެންމަތިވެފަ އެވެ.