ކޯޓަށް އެއްބާރުލެއްވުން ނުދެއްވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ގޮތަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދޭން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނިންމައިފި އެވެ.

ޖުޑީޝަރީގެ މީޑިއާ ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ މި ހަފްތާގެ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ނަޝީދު އެދިވަޑައިގަތަސް އެ ހުއްދަ ނުދޭން ފަނޑިޔަރުންގެ ބެންޗުން ނިންމާފައި ވަނީ އިއްޔެ ކަމަށެވެ.

މީގެކުރިން ދެ ފަހަރެއްގެ މަތިން ހުޅުމާލޭ ކޯޓުން ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނަޝީދަށް ދެއްވާފަ އެވެ. އަދި އެ ހުއްދައާ އެކު ނަޝީދު ރާއްޖެ އިން ބޭރަށް ވެސް ވަޑައިގެންފައިވެ އެވެ.

ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ނަޝީދު އެދިވަޑައިގެންފައި ވަނީ އިންޑިއާގެ ހިމާޔަތް ހޯއްދެވި ކަމަށް ވިދާޅުވެ 11 ދުވަސް ވާންދެން އިންޑިއަން ހައިކޮމިޝަންގެ ތެރޭގައި ހުންނެވުމަށް ފަހު އެވެ.

ހައިކޮމިޝަންތެރޭގައި ނަޝީދު 11 ދުވަސް ވަންދެން ހުންނަވާފައި ވަނީ އެމަނިކުފާނު ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް އަމުރުކުރުމާ ގުޅިގެންނެވެ. އެތަނުގައި ނަޝީދު ހުންނަވަނިކޮށް ދެ ފަހަރެއްގެ މަތިން އެމަނިކުފާނުގެ ޝަރީއަތް ޝެޑިއުލް ކުރިނަމަވެސް ފުލުހުންނަށް ނަޝީދު ހައްޔަރު ކުރެވޭގޮތް ނުވުމުން ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.

އެންމެ ފަހުން ނަޝީދު ބޭއްވި ނިވްސް ކޮންފަރެންސްގައި ކުރިއަށް އޮތްތާގައި ޝަރީއަތަށް ހާޒިރުވާން ތައްޔަރާށް ހުންނެވިތޯ ދެންނެވުމުން އެ ސުވާލަށް ޖަވާބު ނުދެއްވައި ނަޝީދު ވިދާޅުވީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކަމަށެވެ.

ނަޝީދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ދައުވާ ކޮށްފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި، އެމްއެންޑީއެފް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާތީ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ނަޝީދު ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ. އަދި އޭގެފަހުން ނަޝީދުގެ ޝަރީއަތް ބޭއްވޭ ގޮތެއް ނުވެ އެވެ.