26 Feb 2013, 11:05
ދެހާސް ބާރަ ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ލަވަކިޔުންތެރިއަކީ މެޑޯނާ ކަމަށް އެމެރިކާގެ މިއުޒިކް މެގަޒިން \"ބިލްބޯޑް\"އިން ބުނެފި އެވެ.
ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ލަވަކިޔުންތެރިޔާގެ މަގާމު ދެވަނަ ފަހަރަށް މެޑޯނާ ހޯދާފައިވާ އިރު، މެޑޯނާއަށް ކުރި ލިބިފައި ވަނީ ލައިވް ކޮންސަޓުތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް ބިލްބޯޑުން ބުނެ އެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި މެޑޯނާ ނެރުނު \\\"އެމްޑީއެންއޭ\\\" އަލްބަމްގެ ދުނިޔޭގެ ޓުއާ އަކީ 2012 ވަނަ އަހަރުގެ އެންމެ ކާމިޔާބު ޓުއާ ކަމަށާއި މިޓުއާ އިން މެޑޯނާ 34.6 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ކަމަށް ބިލްބޯޑުން ބުނެ އެވެ.
ބިލްބޯޑުގެ އެންމެ ބޮޑު އާމްދަނީ ހޯދި 40 ލަވަކިޔުންތެރިންގެ ލިސްޓުގައިވާ ލަވަކިޔުންތެރިން ހޯދާފައިވާ އާމްދަނީގެ 68 އިންސައްތަ ހިއްސާކުރަނީ ކޮންސަޓުތަކުން އެލަވަކިޔުންތެރިން ހޯދާފައިވާ އާމްދަނީ އެވެ.
މިލިސްޓުގެ ދެވަނާގައި ހިމަނާފައި ވަނީ ބުރޫސް ސުޕްރިންގްސްޓީން އެވެ. މިދިޔަ އަހަރު ސުޕްރިންގްސްޓީން ވަނީ 33.4 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފަ އެވެ.
މިލިސްޓުގެ ގަދަ 10 ގައި ހިމެނިފައިވާ އެހެނިހެން ފަންނާނުންނަށް ބަލާލާ އިރު، ރޮޖާ ވޯޓާސް (21 މިލިއަން ޑޮލަރު)، ވެން ހެލެން (20 މިލިއަން ޑޮލަރު)، ކެނީ ޗެސްނީ (19.1 މިލިއަން ޑޮލަރު)، ޑޭވް މެތިއުސް ބޭންޑު (18.9 މިލިއަން ޑޮލަރު)، ޓިމް މެކްގުރޯ (18.9 މިލިއަން ޑޮލަރު)، ޖޭސަން އަލްޑީން (17.6 މިލިއަން ޑޮލަރު)، ކޯލްޑުޕުލޭ (17.3 މިލިއަން ޑޮލަރު) ހިމެނެ އެވެ.