26 Feb 2013, 10:49
އިޓަލީވިލާތުގައި ކުރިއަށް ދިޔަ އާއްމު އިންތިހާބުގައި ވާދަކުރި ބޮޑު ދެ ޕާޓީ އިން ކުރެ ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ ދެގޭގެ ފުރިހަމަ އަޣުލަބިއްޔަތެއް ލިބިފައިނުވުމުން، އިޓަލީގައި ދެން ސަރުކާރެއް އެކުލަވާލާނެ ގޮތަކާ މެދު ސުވާލުތަކެއް އުފެދިއްޖެ އެވެ.
އިންތިހާބުގައި ވާދަކުރި ބޮޑު ދެ ޕާޓީއަކީ ޕިއެރު ލުއިޖީ ބާސާނީގެ ޑެމޮކްރެޓިކް ޕާޓީއާއި، ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރުލަސްކޯނީގެ ފްރީޑަމް އޮފް ދަ ޕީޕަލް ޕާޓީ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ހަނި އަޣުލަބިއްޔަތަކުން ބާސާނީގެ ޕާޓީ އިން ކާމިޔާބުކޮށްފައިވާ އިރު، މަތީގެ ކަމަށްވާ ސެނެޓް ހަނި އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައި ވަނީ ކުރީގެ ބޮޑުވަޒީރު ބަރުލަސްކޯނީގެ ޕާޓީ އިން ނެވެ.
އިޓަލީގެ ގާނޫނު އަސާސީ ބުނާ ގޮތުން، ސަރުކާރެއް އެކުލަވާލުމުގެ ހުއްދަ ލިބޭނީ ގާނޫނު ހަދާ މަޖިލީހުގެ ދެގޭގެ ވެސް ފުރިހަމަ އަޣުލަބިއްޔަތު ކާމިޔާބުކުރާ ޕާޓީއަކަށެވެ.
އިޓަލީގެ އިގުތިސާދު ދަށަށް ދިއުމުގެ ސަބަބުން، ހަރަދު ކުޑަ ކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި އިންތިހާބުގެ ނަތީޖާގައި ބޮޑު ދެ ޕާޓީގެ ދެމެދުގައި މާބޮޑު ތަފާތުތަކެއް ނެތުމުން އިޓަލީ އިންޓީރިއާ މިނިސްޓްރީއިން އިންތިހާބުގެ ނަތީޖާ އިއުލާންކުރުން ވަނީ ލަސްކޮށްފަ އެވެ.
ޑެމޮކްރެޓިކް ޕާޓީގެ ޕިއެރު ލުއިޖީ ބާސާނީ ވިދާޅުވީ އިޓަލީވިލާތުގައި ވަރަށް \\\\\\\"ނާޒުކު\\\\\\\" ހާލަތެއް ޑެވެލޮޕްވަމުން އަންނަ ކަން އިންތިހާބުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް މިހާރު ސާފުވާ ކަމަށެވެ.
އަނެއްކޮޅުން ބަރުލަސްކޯނީގެ ޕާޓީ އިން ވަނީ އިންތިހާބުގެ ނަތީޖާގައި ތަފާތުތައް ކުޑަވުމުން، ނަތީޖާ އިތުރަށް ކަށަވަރު ނުކޮށް އިއުލާން ނުކުރުމަށް އިންޓީރިއާ މިނިސްޓްރީއަށް ގޮވާލާފަ އެވެ.