26 Feb 2013, 10:41
ރާއްޖޭގެ ސްކޫލް ތަކުން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އީ ޑޭޓާބޭސް ނުވަތަ ސްލޫލް ޑޭޓާބޭސް އެއް މިއަދު ތައާރަފް ކޮށްފި އެވެ.
މިނިސްޓަރީ އޮފް އެޑިއުކޭޝަނާއި ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ތައާރަފް ކުރި ނިޒާމުގެ ދަށުން މީހުން ތަމްރީން ކުރުމުގެ ރަސްމީއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހު ވިދާޅުވީ ސްކޫލް އީ ޑޭޓާބޭސް ގެ ސަބަބުން ސްކޫލް ކުދިންގެ މައުލޫމާތާއި އެހެނިހެން ގޮތް ގޮތުން އެއް ސްކޫލާއި އަނެއް ސްކޫލާއި ދެމެދު ކުރާ މުއާމަލާތްތައް ވަރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.
\"މިއަދު ތައާރަފް ކުރެވުނު ސްކޫލް ޑޭޓާ ބޭސްގެ ސަބަބުން ސްކޫލް ތަކުން ދުވަހުން ދުވަހަށް ކުރާން ޖެހޭ މުއާމަލާތްތައް ކުރުމަށް ވަރަށް ފަސޭހަ ވެގެންދާނެ. އަދި ހަމައެހެންމެ ރާއްޖޭގެ ސްކޫލް ތަކުގެ ކުދިންގެ ޑޭޓާބޭސް ބެލެހެއްޓުމަށް ވެސް މި އީ ޑޭޓާބޭސްގެ ސަބަބުން ވަރަށް ފަސޭހަ ވެގެންދޭ،\" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގެ ތައުލީމީ ނިޒާމް ބައްޓަން ކުރަމުން އަންނަ ގޮތުން ސުކޫލް ޑޭޓާބޭސް އެއް ނުވަތަ އީ ޑޭޓާ ބޭސް އެއް ކޮންމެހެން ވެސް ހުންނާން ޖެހޭ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އިމާދު ސޯލިހު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުންނާއި އަދި އެހެނިހެން ގޮތް ގޮތުން ބެލި ކަމުގައި ވިޔަސް މިހާރު ހުރި ގޮތް ތަކަކީ ހިދުމަތް ފޯރުކޮށް ދިނުމަށާއި ހިދުމަތް ލިބިގަތުމަށް އެހާ ފަސޭހަ އަދި ހަލުވި ގޮތް ތަކެއް ނޫން ކަމަށެވެ.
މިއަދި ތައާރަފް ކުރި ސުކޫލް ޑޭޓާބޭސްގެ ބޭނުން ކޮށްގެން ސްކޫލް ތަކުން ދެމުން ގެންދާ ހިދުމަތް ތަކާއި އަދި ދެމުން ގެންދާ ތައުލީމުގެ ފެންވަރު އިތުރަށް ހަރުދަނާވެ ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހައި ސްކޫލް ތަކެއްގައި އެ ނިޒާމް ބޭނުން ކުރަން ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.