26 Feb 2013, 10:34
ލޯކަލް ކައުންސިލް އިންތިޒާމު ހަރުދަނާކޮށް ތަރައްގީކޮށް ކުރިއެރުމަށް ސަރުކާރުން ދޭ އެހީއެއްގެ ގޮތުގައި، މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ 50 އިންސައްތަ މިއަހަރުގެ ޖުލައިމަހުންފެށިގެން އަތޮޅު ކައުންސިލްތަކަށް ދޫކުރަން ސަރުކާރުން ނިންމަވައިފި އެވެ.
މިއަދު އެކަން އިއުލާން ކުރެއްވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީއިން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގައި ހުރި އަތޮޅުފިހާރަތަކުން ލިބޭ ކުލީގެ 50 އިންސައްތަ މިއަހަރުގެ ޖުލައިމަހުންފެށިގެން އަތޮޅު ކައުންސިލްތަކަށް ދޫކުރަން ސަރުކާރުން ނިންމަވައިފި ކަމަށާއި އެކަމާ ބެހޭ އުސޫލުތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާ ތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ގުޅިގެން އެކުލަވާ ލައްވާ، އިރާދަކުރެއްވިއްޔާ އެކެއް ޖުލައި އިން ފެށިގެން އެ އުސޫލުތަކަށް ޢަމަލު ކުރަން ފެށޭނޭ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ އަތޮޅެއްގައި ހުރި ފަޅުރަށްތަކުގެ ތެރެއިން ވަރުވާއަށް ދޫކުރެވިފައިވާ ރަށްރަށުން ނެގޭ ކުލީގެ 50 އިންސައްތަ އަތޮޅު ކައުންސިލްތަކަށް ދޫކުރާގޮތަށް މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އެ ކަންތައްތައް ހަމަޖެހިގެން ދިއުމުގެ ސަބަބުން ރައްޔިތުންގެ ކުރިއެރުމަށާއި ރަށްރަށުގެ ތަރައްގީއަށް ވެސް އިތުރު ދިރުން ލިބިގެންދާނޭ ކަމަށް އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކައުންސިލްތަކަށް ސަރުކާރުން އިތުރަށް ދެވެންހުރި އިނާޔަތްތަކާއި ހަމަޖައްސަވައި ދެވެންހުރި ކަންތައްތައް ހަމަޖައްސައި ދެއްވާނޭކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ރައްޔިތުންގެ އެކައުންޓް ތަކުގައި ހުރި ފައިސާގެ ބޮޑު ބައެއް ސަރުކާރުން ހޭދަ ކޮށްފައި ވާތީ އެފައިސާ އަނބުރާ ރައްޔިތުންގެ އެކައުންޓްތަކަށް ލިބޭނޭ ގޮތެއް ހައްދަވައި ދެއްވާނޭ ކަމަށެވެ.
\"ރައްޔިތުންގެ އެކައުންޓްތަކުގައި ހުރިފައިސާ، އެނގިވަޑައިގަންނަވާނޭ ފަދައިން އޭގެ ތެރެއިން ވަރަށް ބޮޑުބައެއް ވަނީ ސަރުކާރުން ހޭދަ ކުރައްވާފައި. އެހެންވީމާ އަޅުގަނޑު ގަސްދު ކުރަނީ އެފައިސާ ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓްގައި އެފައިސާ ދޭން ފެށޭނެ އުސޫލުތަކަކާއި ދޭނެ ގޮތެއް ހަމަޖެއްސުން،\" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.