ޒިއުރިކްގައި ހުންނަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ގޯލް-ލައިން ޓެކްނޮލޮޖީ (ޖީއެލްޓީ)ގެ އިތުރު ސިއްޓަމެއް ބަލައިގަނެ 2014 ވަނަ އަހަރުގެ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި ބޭނުން ކުރުމުގެ ހުއްދަ ދީފި ކަމަށް ހޯމަދުވަހު އެއިދާރާ އިން ބުނެފި އެވެ.

ޖަރުމަނުގެ އުފެއްދުމެއް ކަމަށްވާ \\\"ކައިރޯސް ސިސްޓަމް\\\"އަކީ ގޯލްގެ ވަށައިގެން ދަގަތްފާނީ ދާއިރާއެއް (މެގްނެޓިކް ފީލްޑެއް) އުފައްދައި އޭގެ އެހީގައި ގޯލްގެ ހުރަސްރޮނގުން ބޯޅަ ހުރަސް ކުރޭތޯ ނޫންތޯ ބެލުމުގެ ގާބިލްކަން ހުރި ނިޒާމެކެވެ. އެގޮތުން ރެފްރީ އެއީ ގޯލެއްތޯ ނޫންތޯ ނިންމަން ޖެހޭ އުނދަގޫ ދަނޑިވަޅުތަކުގައި ކައިރޯސް އެހީތެރިވެ ދޭނެ އެވެ.

ފީފާއިން ވަނީ ޖަޕާނުގައި މިފަހަރު ބޭއްވުނު ކްލަބްތަކުގެ މެދުގައި ދުނިޔޭގެ ތައްޓައް ކުޅޭ ފުޓްބޯޅަ މުބާރާތުގައި ކާމިޔާބުކަމާ އެކު ޖީއެލްޓީ ތަޖުރިބާކޮށް، މި އަހަރު ބްރެޒިލްގައި ކުޅުމަށް ހަމަޖެހިފައިވާ ކޮންފެޑަރޭޝަން ކަޕާއި އަދި ބްރެޒިލް ވޯލްޑްކަޕް 2014ގައި މި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ހުއްދަ ހުސްވި ހަފުތާގައި ދީފަ އެވެ.

މިހާތަނަށް ހުއްދަދީފައިވާ ގޯލް-ލައިން ޓެކްނޮލޮޖީގެ ދެ ނިޒާމްގެ ތެރޭގައި ކެމެރާއެއްގެ އެހީގައި ބޯޅަ ގޯލު ރޮނގު ހުރަސްކުރޭތޯ ނޫންތޯ ބެލުމުގެ ގާބިލްކަން ލިބިފައިވާ ހޯކް-އައި އާއި ދަގަތްފާނީ ދާއިރާއެއްގެ އެހީގައި ހާއްސަ ބޯޅައެއް ބޭނުންކޮށްގެން ގޯލް ރޮނގު ބޯޅަ ހުރަސްކުރޭތޯ ބެލުމުގެ ގާބިލްކަން ލިބިފައިވާ ގޯލްރެފް ކިޔާ ނިޒާމެކެވެ.

ޖަރުމަނުގެ ކުންފުންޏަކުން މިހާރު ވަނީ ޖީއެލްޓީގެ ހަތަރުވަނަ އާލާތެއްވެސް ފައްކާކޮށް ފީފާގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާފަ އެވެ.

ފީފާއިން ޖީއެލްޓީ ބޭނުންކުރުމަށް އެއްބަސްވެފައި ވަނީ ފައިބެ އަހަރު ފުޓްބޯޅައިގެ ދާއިރާގައި ހަރަކާތްތެރިވާ އެތައްބައެއްގެ މެދުގައި ކުރެވުނު ހިޔާލުތަފާތުވުން ބޮޑު ބަހުސު ތަކަކަށްފަހުގަ އެވެ.