12 Oct 2010, 09:10
މާލިއްޔަތު ކޮމެޓީގެ ސިޓީ ލިބިވަޑައިގެންނެވިހާ އަވަހަކަށް އެމްބީސީ ބޯޑްގެ މެންބަރުންގެ މުސާރަ ހަމަޖައްސައިދެއްވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އައްސަދު ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމް އޮންލައިނަށް އިންޓަވިއު ދެއްވަމުން ސްޓޭޓް މިނިސްޓަރު މިއަދު ވިދާޅުވީ ފިނޭސް މިނިސްޓްރީއަކީ މީހުން ވަޒީފާއަށް ވައްދާ ވަޒީފާއިން ވަކިކުރާ ތަނެއް ނޫން ކަމަށާއި އޮންނަ އުސޫލުގެ މަތިން ވަޒީފާ ހަމަޖެއްސެވި ފަރާތުން އެކަން އެންގުމުން އެކަމެއްގައި އޮންނަ އުސޫލެއްގެ މަތިން މުސާރައިގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިވީހާ ތަނަށް ވެސް އެ ބޯޑަށް މެންބަރުން ހަމަޖެއްސެވި ފަރާތުން އެކަން އަންގަވާފައި ނުވާ ކަމަށެވެ.
އެމްބީސީގެ ބޯޑުގެ މެންބަރުން އައްޔަންކުރި ފަހުން މިވީހާތަނަށް ދޭންޖެހޭ މުސާރަ ދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފޮނުވި ސިޓީ ލިބިވަޑައި ނުގަންނަވާތޯ ދެންނެވުމުން ވިދާޅުވީ އެ ސިޓީ މިނިސްޓްރީގެ ތެރެއަށް ނުވަންނަ ކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށާއި އޭނާގެ އަތްޕުޅަށް ސިޓީ އަދި ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
"އެ ސިޓީ ހަމަ ލިބޭ އިރަށް އަޅުގަނޑުމެން މުސާރަ ހަމަޖައްސާނަން،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އެމްބީސީގެ ބޯޑު މެންބަރުންނަށް ދޭން ޖެހޭ މުސާރަ މިހާތަނަށް ވެސް ދީފައި ނުވާތީ އެ ބޯޑު މެންބަރުންގެ މުސާރަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފިނޭންސް މިނިސްޓްރީ އަށް ވަނީ އިއްޔެ އަންގާފަ އެވެ. މާލިއްޔަތު ކޮމެޓީގެ ސެކްރެޓޭރިއެޓުން ބުނީ އެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެމްބީސީގެ ބޯޑުގެ މެންބަރުންގެ މުސާރަ ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް އިއްޔެ ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
އެމްބީސީ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ބޯޑުގެ ޗެއާމަންގެ މުސާރަ އަކަށް ހަމަޖައްސާފައި ވަނީ މަހަކު 10000ރ. އެވެ. ވައިސް ޗެއާ ޕާސަންގެ މުސާރައަކީ މަހަކު 9000ރ. އެވެ. ބޯޑުގެ އެހެން މެންބަރުންގެ މުސާރައަކީ މަހަކު 8000ރ. އެވެ. މަޖިލީހުން އެމްބީސީގެ ބޯޑު ފާސްކޮށް އެކުލަވައިލި ފަހުން މިހާތަނަށް އެ ބޯޑުގެ އެއްވެސް މެންބަރަކަށް މުސާރަ ދީފައެއް ނުވެ އެވެ.
އެމްބީސީގެ ބޯޑަށް އައްޔަންކޮށްފައިވާ ބޭފުޅުންނަކީ މ. ޝެރިކް އަލީ ޝަރީފް އާއި ހ. ބޮނޑިކަނދޮޅުގޭ، ނަހުލާ އަލީ އާއި މ. ޒިޔާރަތްދޮށުގޭ މުހައްމަދު ޝަފްރާޒް ހާފިޒް އާއި ހ. ސޯސަން ފްލާވާ އިބްރާހީމް އުމަރު މަނިކު އާއި މ. ނިޔަނދުރު އަލީ ޝަމްއާން އާއި ސ. މީދޫ ލިލީ ވިލާ މުންތަސިރު މުމްތާޒް އާއި ސ. ހިތަދޫ ސެވަން ސްޓާ އާއިޝަތު ދިޔާނާ ތޯހިރު އާއި ހ. ތަންބީއާގޭ އަބްދުލްހަމީދު އަބްދުއްސަމަދު އާއި ގ. ވަށަފަރު، އިގްބާލް އާދަމް އެވެ. މި ބޭފުޅުންގެ ތެރެއިން އެމްބީސީގެ ޗެއާޕާސަނަކީ އިބްރާހިމް އުމަރު މަނިކެވެ. ވައިސްޗެއާޕާސަނަކީ މުހައްމަދު ޝަފްރާޒް ހާފިޒެވެ.
މަޖިލީހުން ބޯޑަށް މެންބަރުން އައްޔަންކުރީ ޖުލައި12، 2010 ގައެވެ.