26 Feb 2013, 10:09
ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ ގެކޮޅުތަކުގެ ސެކިއުރިޓީ ސާވޭ ހަދައި، ގެކޮޅުތަކުގައި ސެކިއުރިޓީ ގާއިމް ކުރުމަށް ދައުލަތުން ހަރަދު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންގެ ގެކޮޅުތަކުގެ ސެކިއުރިޓީ ސާވޭއެއް ހަދައި، ފުލުހުން ވަނީ ރިޕޯޓެއް އެކުލާފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެ ރިޕޯޓް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވައިފަ އެވެ.
މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ އެ މައްސަލައާ ގުޅޭ ގޮތުން މެންބަރުން ބަހުސްކޮށް، މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމުމަށް އެއްބަސްވެފަ އެވެ.
ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ފަނޑިޔާރުންނަށް ސެކިއުރިޓީ ދިނުމަށް ގާނޫނު އަސާސީއާއި ގާނޫނުތަކުން ދައުލަތުގެ މައްޗަށް ވާޖިބު ކުރާ ކަމަށާއި ނަމަވެސް ފަނޑިޔާރުންގެ އަމިއްލަ ގެކޮޅުތަކުގައި ސެކިއުރިޓީ ސިސްޓަމް ގާއިމް ކުރުމަށް ދައުލަތުން ހަރަދު ކުރަންޖެހުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
\\\"މިކަމުގައި އެބޭފުޅުންގެ އަމިއްލަ ގެކޮޅަށް ސެކިއުރިޓީ ގާއިމްކުރުމަށް ހަރާނެތޯ ނިންމާނީ ތިބޭފުޅުން އަމިއްލައަށް. އަޅުގަނޑަށް މައްސަލައެއް ނެތް ޕާޓީތަކުން ވަކިވަކިން މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމެވިޔަސް، އަދި މެންބަރުން އަމިއްލައަށް ނިންމެވިޔަސް،\\\" މުގައްރިރު ވިދާޅުވި އެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގެކޮޅުތަކަށް ސެއިއުރިޓީ ދޭން ޖެހޭނީ އެ ބޭފުޅުންނަށް ނުރައްކާ ކުރިމަތިވާ ވަރު ދެނެގަތުމަށް ފަހު ކަމަަށެވެ. އަދި ފަނޑިޔާރުންނަށް ނުރައްކާ އޮތް ވަރު ބެލުމަށްޓަކައި ގައުމީ ދިފާއީ ބާރުގެ އިންޓެލިޖެންސާއި ފުލުހުންގެ އިންޓެލިޖެންސްގެ ބޭފުޅުން ކޮމެޓީ އަށް ގެންނަވައި މައުލޫމާތު ހޯއްދެވުމަށް ހަމްޒާ އެދިވަޑައިގެންނެވި އެވެ.
\"އެ ބޭފުޅުންނަށް ތުރެޓް ލެވެލް އޮތް ފެންވަރަކުންނޭ، ސެކިއުރިޓީ ސިސްޓަމްތައް ގެކޮޅުތަކުގައި ގާއިމް ކުރަން ދޭންޖެހޭނީ. މިވަގުތު ތި ހަރަދު ކުރަން އަޅުގަނޑަށް ފެންނަނީ އެމްއެމްޑީއެފާއި ފުލުހުންގެ އިންޓެލިޖެންސުން ދޭ މައުލޫމާތައް ބެލުމަށް ފަހު،\" ހަމްޒާ ވިދާޅުވި އެވެ.