ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ގާއިމު ކުރުމަށް ޓަކައި މީގެ އަހަރުތަކެއް ކުރީން ކުރާން ފެށި މަސައްކަތްތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ އާ ގާނޫނު އަސާސީއެއް ތައާރަފްކޮށް، ރާއްޖޭގައި ތިން ބާރު ވަކި ކުރެވިފައިވާ، ވެރިކަމުގެ ނިޒާމެއް ގާއިމު ކުރުމަށެވެ. މީގެ އިތުރުން މިނިވަންކަމާ އެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް މެ ލިބިގެންވާ ކަން ކަށަވަރު ކޮށް ދިނުމުގެ ބުރަ މަސައްކަތް ވޭތުވެ ދިޔަ އަހަރުތަކުގައި ކުރެވިފައިވެ އެވެ.

މިދެންނެވި އުސޫލުން ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، މިއަދު އެންމެ ނުރައްކާތެރި ފައްތަރެއްގައި އޮތް ބާރަކީ ޑިމޮކްރަސީގެ މައިތަނބު ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާ އަދި ޑިމޮކްރަސީއެއްގައި ދައުލަތުގެ ހަތަރު ވަނަ ބާރު ކަމަށް އެންމެން ވެސް ގަބޫލު ކުރާ މީޑިއާ އެވެ. ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރީންނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ބިރުވެރިކަމަކީ ފެހި ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ މީޑިއާގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެއްކޮށް ނެތިގެން ހިނގައިދާނެ ނުވަތަ ފުނޑުފުނޑު ވެގެން ހިނގައިދާ ފަދަ ބިރުވެރި ކަމެކެވެ.

މި ހާލަތަށް ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރީން ދާން ޖެހުނު ސަބަބު މިއަދު ކޮންމެހެން ވެސް ދެނެގަންނާން އެބަޖެހެ އެވެ. މީޑިއާތަކަށާއި ނޫސްވެރީންނަށް މަރުގެ އިންޒާރުތައް ދެނީ ކީއްވެގެން ބާވަ އެވެ. ނޫސްވެރީންނަށް މަރާ ހަނގުރާމަ ކުރާން ޖެހޭ ފަދަ ބޮޑެތި އަނިޔާތައް ދެނީ ކީއްވެ ބާވަ އެވެ. މިފަދަ ކަންތައްތަކާ، މީޑިއާތަކާއި ނޫސްވެރީން ކުރިމަތިލާން މި ޖެހުނީ މީޑިއާތަކާއި ނޫސްވެރީނަށް އަމަލުތައް ބެހެއްޓޭ ގޮތަކުން ބާވަ އެވެ. ނުވަތަ ހަބަރާއި މައުލޫމާތު ފެތުރުމުގައި ގެންގުޅެމުންދާ އުސޫލުތަކުގެ ސަބަބުން ބާވަ އެވެ. މިއަދު އަޅުގަނޑުމެން ނޫސްވެރީން މިސުވާލުތަކުގެ ޖަވާބު ހޯދާން އެބަ ޖެހެ އެވެ.

މީޑިއާތަކާއި ނޫސްވެރީން ކުރިމަތިލާން ޖެހިފައިވާާ ނުރައްކާތަކާ ބެހޭ ގޮތުން ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ހަވީރު ނޫހުގެ މެނޭޖިން އެޑިޓަރު އަދި މީޑިއާ ކައުންސިލްގެ މެންބަރު އިސްމާއީލް ނަސީރު ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރީނަށް ދެމުން ގެންދާ ހަމަލަތަކާއި އިންޒާރުތަކުގެ ޒިންމާ އެއްވެސް ނޫސްވެރިއެއް އަދި އެއްވެސް މީޑިއާއަކުން ނަގާން ނުޖެހޭ ކަމަށެވެ. އިސްމާއީލު ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރީނަށް ދެމުން ގެންދާ އިންޒާރުތަކާއި ހަމަލަތަކުގެ ޒިންމާ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުގެ ހުރިހައި މުއައްސަސާތަކަކާއި އަދި ސިޔާސީ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ މީޑިއާތައް ހިންގާ ފަރާތްތަކުން ނަގާން ޖެހޭނެ ކަމަށެވެ.

\"އަޅުގަނޑުމެންގެ މީޑިއާތަކަށާއި ނޫސްވެރީނަށް ދެމުން ގެންދާ ހަމަލަތަކާއި އިންޒާރުތަކުގެ ޒިންމާ އަޅުގަނޑުމެން ނޫސްވެރިންނެއް ނަގާކަށް ނުޖެހޭނެ. މީޑިއާތަކުން ނުވަތަ ނޫސްވެރީން ހަބަރާއި މައުލޫމާތު ފަތުރާ ގޮތެއްގެ ސަބަބުން އެ މީހުންނަށް ހަމަލަދީ އިންޒާރު ދީގެން ނުވާނެ. މީޑިއާތަކަށާއި ނޫސްވެރީނަށް ދެމުން ގެންދާ ހަމަލަތަކުގެ ޒިންމާ، ޕޮލިސީ މޭކާސް ނަގާން ޖެހޭނެ. ނޫސްވެރީނާއި މީޑިއާތަކުން އަމަލު ކުރާން ޖެހޭ ގާނޫނު ހެދުމަކީ އެބޭފުޅުުންގެ ކަމެއް. އަޅުގަނޑުމެން ނޫސްވެރީން، މީޑިއާތަކުން ހަބަރު ފަތުރާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހޭ ފަރާތްތަކުން ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެންނަށް އަދަބު ދީ. އަޅުގަނޑުމެންނަށް އަދަބު ލިބޭން ޖެހޭނީ ގާނޫނުން.\" ނަސީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ހުރީ އެކި ވައްތަރުގެ އެކި ފިކުރުގެ މީޑިއާތައް ކަމަށާއި ބައެއް މީޑިއާތަކަކީ އެ ބަޔަކު ބޭނުންވާ ވަކި ފިކުރެއް ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާ މީޑިއާތަކެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ބައެއް ފަހަރު ބައެއް ބޭފުޅުން މީޑިއާތަކާއި ނޫސްވެރީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށާއި އޭގެ ސަބަބުން މީޑިއާތަކަށް ޕްރޮފެޝަނަލް ކަމާ އެކު މަސައްކަތް ކުރުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ.

\"ބައެއް ފަހަރު އެބަ ފެނޭ ބައެއް ބޭފުޅުން މީޑިއާތަކާއި ނޫސްވެރީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން ދާ ތަން. އަދި ހަމަ އެހެންމެ ސިޔާސީ ގޮތުން ތިމާ ގަބޫލު ނުކުރާ ގޮތަކަށް ހަބަރު ފަތުރާ މީޑިއާތަކަކީ ހުސް ދޮގު ހަދާ މީޑިއާތަކެއް ކަމަށް އެބަ ބުނޭ. މީގެ އިތުރުން ބައެއް މީޑިއާތަކަށް ފައިސާ ހޭދަ ކުރާ މީހުން ނުވަތަ މީޑިއާތަކުގެ އޯނަރުން ނޫސްވެރީންގެ މިނިވަން ކަމަށް ނުފޫޒު ފޯރުވައި، އެ މީހުންގެ މުށުތެރެއަށް ނޫސްވެރީން އެބަލާ. އެކަމުގެ ސަބަބުން ބައެއް ފަހަރު ނޫސްވެރީން އެމީހުންގެ އަމިއްލަ މަސްލަހަތު އެބަ އިސްކުރޭ. ސިޔާސީ ވެރީން ނޫސްވެރިންނަށާއި މީޑިއާތަކަށް ނުފޫޒު ފޯރުވުމަކީ ރާއްޖޭގައި މިނިވަން މީޑިއާއެއް ގާއިމު ކުރުމަށް އަދި ނޫސްވެރީންގެ ސަލާމަތަށް ވެސް އޮތް ހުރަހެއް.\" އިސްމާއީލު ވިދާޅުވި އެވެ.

މީޑިއާތަކަށާއި ނޫސްވެރީންނަށް ދެމުން ގެންދާ ހަމަލަތަކާއި އިންޒާރުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ދާހިލީ ވަޒީރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރީނަށް ތަފާތު އެކި އިންޒާރުތަކާއި ހަމަލާތައް ދެމުން ގެންދާ މައިގަނޑު ސަބަބަކީ ރައްޔިތުންގެ ތެރޭގައި ހޭލުންތެރިކަން ނެތުމުންނެވެ. އެ ގޮތުން ޖަމީލު ވިދާޅުވީ މީޑިއާތަކުން ނުވަތަ ނޫސްވެރީން ހަބަރު ފަތުރާ ގޮތެއްގެ ސަބަބުން އެއްވެސް މީޑިއާއަކަަށް ނުވަތަ ނޫސްވެރިއަކަށް ހަމަލަ ދީގެން ނުވާނެ ކަން ރައްޔިތުންނަށް ވިސްނައިދޭން ޖެހޭ ކަމަށާއި އަދި މީޑިއާތަކާއި ނޫސްވެރީން ހަބަރު ފަތުރާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހޭ ނަމަ ގާނޫނީ އިމުގެ ތެރެއިން އެކަމަކާ ބެހޭ ގާނޫނީ މުއައްސަސާއަކަށް ހުށަހަޅައިގެން އެ މައްސަލައެއް ހައްލު ކުރުމަށް ރައްުޔިތުންނަށް ވިސްނައިދޭން ޖެހޭ ކަމަށެވެ.

\"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މީޑިއާތަކަށާއި ނޫސްވެރީނަށް ހަމަލަދީ އިންޒާރު ދިނުމުގެ މައިގަނޑު ސަބަބަކީ ރައްޔިތުންގެ ހޭލުންތެރިކަން ކުޑަވުން. ރައްޔިތުންނަށް ވިސްނައިދޭން އެބަ ޖެހޭ މީޑިއާތަކުން ނުވަތަ ނޫސްވެރިއަކު ހަބަރު ފަތުރާ ގޮތެއްގެ ސަަބަބުން އެ މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ހަމަލަ ދީގެން ނުވާނެ ކަން. ހަބަރު ފަތުރާ މީޑިއާތަކާ ދޭތެރޭ ނުވަތަ ނޫސްވެރީންނާ ދޭތެރޭ މައްސަލައެއް ނުވަތަ ޝަކުވާއެއް އޮވެއްޖެ ނަމަ އެ މައްސަލައެއް ގާނޫނީ އިމުގެ ތެރެއިން އެ ކަމަކާ ގުޅޭ މުއައްސަސާއަކަށް ހުށަހަޅައިގެން އެ މައްސަލައެއް ހައްލު ކުރާން ޖެހޭނީ. އެއްގޮތަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން މީޑިއާތަކުން ނުވަތަ ނޫސްވެރިއަކު ހަބަރު ފަތުރާ ގޮތެއްގެ ސަބަބުން އެ މީޑިއާއަކަށް ނުވަތަ އެ ނޫސްވެރިއަކަށް ހަމަލަ ދޭން ޖެހޭނެ ކަމަކަށް. އެއްގޮތަކަށް ވެސް ޖިނާއީ ކުށްތަކަކަށް އަރައިގަންނާކަށެއް ނުޖެހޭ.\\\" ވަޒީރު ވިދާޅުވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރިންނަށް ހަމަލަދީ އިންޒާރުތައްދީ މީޑިއާތަކާއި ނޫސްވެރީން ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓޭން ޖެހުނީ މީޑިއާތަކާއި ނޫސްވެރީންގެ ރެގިޔުލޭޓަރީ ބޮޑީތަކުން އަޅާން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ބައެއް ފަހަރު ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފަށް އަދި ރައްޔިތުންގެ ތެރޭގައި ނަފުރަތު އުފެދޭ ފަދަ ގޮތަކަށް ހަބަރު ފަތުރަމުން ގެންދާ އިރު، ވެސް ރެގިޔުލޭޓަރީ ބޮޑީތަކުން އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އަޅައިފައި ނުވާކަން ވަޒީރު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ބައެއް ފަހަރު ބައެއް ފަރާތްތަކުން މީޑިއާތަކާ މެދުގައި ތަފާތު ކުރުން ގެންގުޅުމަކީ ވެސް މީޑިއާތަކާއި ނޫސްވެރީންނަށް ރައްޔިތުންގެ ނަފްރަތާއި އިންޒާރު އަދި ހަމަލަތައް އަމާޒު ވުމުގެ އެއް އަސްލެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. ހަމަ އެހެންމެ ރާއްޖޭގެ މީޑިއާތަކަށް ސިޔާސީ ފަރާތްތަކުގެ ނުފޫޒު ފޯރައިފައިވުމަކީ ވެސް މީޑިއާތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އެހެންނަމަވެސް މީޑިއާތަކާއި ނޫސްވެރީން ވަކި ކޮޅަކަށް ބުރަ ނުވެ ތިބެ ޒިންމާދާރު ކަމާ އެކު ހަބަރު ފެތުރުމަކީ ވެސް މީޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުޅުވާލެވޭނެ ދޮރެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ކޮންމެއަކަސް މިއަދު ރާއްޖޭގެ މީޑިއާތަކުގެ ގަބޫލު ކުރާން ޖެހޭ ހަގީގަތަކީ ރާއްޖޭގެ މީޑިއާ ތަކަށާއި ނޫސްވެރީންނަށް ސިޔާސީ ނުފޫޒު ފޯރައިފައިވާ ކަމަވެ. އެކަމުގެ ސަބަބުން މީޑިއާތަކަށާއި ނޫސްވެރީންނަށް ނޫސްވެރިކަމުގައި ގެންގުޅޭން ޖެހޭ އުސޫލުތަކާއި ހަމަތައް ނުވަތަ މީޑިއާ އެތިކްސްއާ އެއް ގޮތަށް އަމަލު ކުރުމުގައި ހުރަސްތަކެއް އެޅިފައިވާ ކަމަވެ. އެކަމުގެ ސަބަބުން މީޑިއާތަކަށާއި ނޫސްވެރީންނަށް މިނިވަންކަމާ އެކު ދެ ފުށް ފެންނަ ގޮތަކަށް ހަބަރާއި މައުލޫމާތު ގެނެސް ދިނުމަކީ އަދުގެ ސިޔާސީ މާހައުލު އޮތް ގޮތުން ވަރަށް ދަތި އަދި އެހާމެ އުނދަގޫ ކަމެއް ކަމަށް ގަބޫލު ކުރާން ޖެހެ އެވެ. އެހެން ކަމުން މިއަދު ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރީންނަށް ތަފާތު އެކި ހަމަލަތަކާއި އިންޒާރުތައް ކުރިމަތިވަމުން އައުމުގެ މައިގަނޑު ސަބަބަކީ ސިޔާސީ ބޭފުޅުން މީޑިއާތަކާއި ނޫސްވެރީން އެމީހުންގެ މުށުތެރެއަށް ލާން މަސައްކަތް ކުރުމެވެ. އޭގެ ސަބަބުން ރާއްޖޭގެ މީޑިއާތައް ރެގިޔުލޭޓް ކުރާން ތިބޭ ފަރާތްތަކަށް އެ މަސައްކަތް ކުރުމަކީ ވެސް ވަރަށް ދަތި އެހާމެ އުނދަގޫ ކަމެކެވެ.

އެހެން ކަމުން ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރީންނަށް ދެމުން ގެންދާ ހަމަލަތަކާއި އިންޒާރުތައް ހުއްޓުވުމަކަށް ގެނައުމަށްޓަކައި ރާއްޖޭގެ މީޑިއާތައް ސިޔާސީ ނުފޫޒުން އެއްކިބާ ކުރާން އެބަ ޖެހެ އެވެ. ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، ޑިމޮކްރަސީގެ މައިގަނޑު އެއް ތަނބު ކަމަށްވާ މީޑިއާ މިނިވަން ކުރުމަކީ ކޮންމެހެން ކުރާން ޖެހޭނެ ކަމެކެވެ. މީޑިއާގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ނެތިގެން ދިޔަ ނުދީ ހިފެހެއްޓުމަށް ޓަކައި، މީޑިއާތަކަށާއި ނޫސްވެރީންނަށް ދެމުން ގެންދާ ހަމަލަތައް ހުއްޓުމަކަށް ގެންނާން އެބަ ޖެހެ އެވެ. މީޑިއާގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ނެތި ކޮށް ފުނޑުފުނޑު ކޮށްލުމަކީ ޑިމޮކްރަސީ ފުނޑިގެން ހިނގައިދާނެ ފަދަ ކަމެއް ކަން އަޅުގަނޑުމެން ހަނދާން ބަހައްޓާން ޖެހޭނެ އެވެ.