26 Feb 2013, 09:16
ލަންޑަން (ފެބްރުއަރީ 26): އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އީރާނަށް ހަރުކަށި އިންޒާރެއް ދެއްވައިފި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވެވަޑައިގަތުމަށް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިނގިރޭސިވިލާތަށް ވަޑައިގެން ލަންޑަންގައި ދެއްވި ބަޔާނެއްގައި ކެރީ ވިދާޅުވީ ކަޒަޚިސްތާނުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އީރާނުގެ ނިއުކްލިޔާ ވާހަކަތައް ފޭލްވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އީރާނުން ކަމަށާއި މިފަދަ ޙާލަތެއްގައި ބިރުވެރި ނަތީޖާތަކަކާ އީރާން ކުރިމަތިލާންޖެހިދާނެ ކަމުގަ އެވެ. އޭނާ އީރާނަށް ގޮވާލެއްވީ ތެދުނިޔަތެއްގައި ނިއުކްލިޔާ މައްސަލަ ޙައްލުކުރުމަށް ޓަކައި އިޚްލާސްތެރިކަމާ އެކު ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ވާހަކަ ދެއްކުމަށެވެ.
ކަޒަޚިސްތާނުގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވަނީ އީރާނުގެ ނިއުކްލިޔަރ ވާހަކަތަކުގައި ކުރިން ވެސް ބައިވެރިވާ ދުނިޔޭގެ ބޮޑު ފަސްބާރާއި ޖަރުމަނުވިލާތެވެ. އީރާނުންވަނީ އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމްގައި ދޫދޭން ޖެހޭ ކަމެއްނެތް ކަމަށް ބުނެފަ އެވެ. އަދި ނިއުކްލިޔާ ޙައްޤެއްގެ ގޮތުގައި ބައިނަލްއަޤްވާމީޤާނޫނުގައި ކޮންމެ ގައުމަކަށް ވެސް ލިބިދީފައިވާ ކަމެއްނޫން ކަމެއްއީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްގައި ނުހިމެނޭކަމަށް އީރާނުގެ ގައުމީ ސަލާމަތާބެހޭ ވެރިޔާ ސަޢީދު ޖަލީލީ ވަނީ ވިދާޅުވެފަ އެވެ. ކަޒަޚިސްތާނަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ޖަލީލީ ވިދާޅުވީ އީރާނަށް ބިރުދައްކައިގެން ބޮޑެތި ބާރުތަކަށް ނާޖާއިޒު ގޮތެއްގައި އެއްވެސް ކަމެއް ޙާސިލްނުކުރެވޭނެ ކަމުގައެވެ. އަދި ބޮޑެތި ބާރުތައް ދެކެ އީރާން ޖެހިލުން ނުވާކަމަށް ވެސް ޖަލީލީ ވިދާޅުވި އެވެ.
ޔޫރަޕްގެ އިއްތިޙާދުން ވަނީ ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމުގައި އީރާނުން ދޫދީފި ނަމަ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ބައެއް ފިޔަވަޅުތަކަށްލުއިދޭން އެއިއްތިޙާދު ތައްޔާރަށް އޮތްކަން ހާމަކޮށްފަ އެވެ. އީރާނުން ވަނީ ނިއުކްލިޔަރ މައްސަލާގައި އިޚްލާސްތެރިކަން ދެއްކުމަށްޓަކައި ނިއުކްލިޔަރ ހަތިޔާރު ދޫކޮށްލުމުގެ ނިންމުމެއް ނިންމުމަށް ދުނިޔޭގެ ބޮޑު ފަސްބާރަށް ގޮވާލާފަ އެވެ. ދުނިޔޭގައި ނިއުކްލިޔަރ ހަތިޔާރު އެންމެ ގިނައިން އުފައްދައި ރައްކާކޮށް އަދި އެހަތިޔާރު ތަރައްޤީ ކުރަމުން ގެންދަނީ ދުނިޔޭގެ ބޮޑުފަސްބާރެވެ. (ނޫސްއެޖެންސީތައް)