ހިފާފައިވާ ޤުދްސު (ފެބްރުއަރީ 26): ހިފާފައިވާ ޤުދްސުގައި އިސްރާއީލުން ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ގިނަ ޢަދަދެއްގެ ބަޔަކު މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ހަރިއްމަ ތެރެއަށް އިއްޔެ ވަދެގަނެ އެތާނގެ ހުރްމަތް ކަނޑައިއެތާނގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އޮއްގަލާއި ލަޓިބުރި ފަދަ ތަކެތިން ޙަމަލާދީ ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.
ފަލަސްތީނުގެ ޕާލަމެންޓްގެ ޤުދްސު ކޮމިޓީގެ މުޤައްރިރު އަހްމަދު އަބޫ ހަލްބިއްޔާ ވިދާޅުވީ އިސްރާއީލުން ޣައިރު ޤާނޫނީ ގޮތެއްގައި ޤުދްސުގައި ވަޒަންވެރިކުރުވާފައިތިބޭ ޔަހޫދީންގެ ތެރެއިން ސާޅީހަކަށް މީހުން މަސްޖިދުލްއަޤްސާގެ ހަރިއްމަ ތެރެއަށް ވަދެގަނެ އެތާނގައި ތިބި ފަލަސްތީނުގެ ރައްޔިތުން ޙަމަލާދިނުމުގެ ސަބަބުން ބައެއް މީހުން ޒަޚަމްވެފައިވާކަމުގަ އެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން ރުޅިއެރުވުމަށް ޓަކައި އިސްރާއީލުގެ ސަރުކާރު އަޑީގައި އޮވެގެން ހިންގާ ޖެއްސުމުގެ ޢަމަލުތަކެއް ކަމަށާ ނަމަވެސް މިކަމުގެ ފަހަތުގައި ބޮޑުރޭވުމެއް އެބައޮތްކަމަށް އަބޫ ހަލްބިއްޔާ ވިދާޅުވި އެވެ.

އިސްރާއީލުގެ ޒަޔަނިސްޓް ހަރުކަށި ބައެއް ޖާމާޢަތްތަކުން ވަނީ ޔަހޫދީންގެ ޢީދެއްގެ މުނާސަބަތާ ގުޅިގެން މަސްޖިދުލްއަޤްސާ އަށް ވަދެގަނެ އެތަންހުރި ބިމަކީ ޔަހޫދީންގެ ފައްޅިއެއް ކުރިންހުރިތަން ކަމަށް ހާމަކުރުމަށް ޤުދްސުގައި ދިރިއުޅޭ ޔަހޫދީންނަށް ގޮވާލާފަ އެވެ. ޤުދްސު ކޮމިޓީގެ މުޤައްރިރު ވިދާޅުވީ އިސްރާއީލުގެ ރޭވުމަކީ މަސްޖިދުލްއަޤްސާ ހުރި ބިން ދެބައިކޮށްލުމަށް ފަހު އޭގެ ތެރެއިން އެއްބައިގާ ޔަހޫދީންނަށް ފައްޅިއެއް ބިނާކުރުން ކަމުގަ އެވެ.

އަނެއްކޮޅުން އިސްރާއީލުގެ ޖަލެއްގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރެއް ކަމަށްވަ ޢަރަފާތު ޖަރާދާތު މަރުވީ އަނިޔާގެ ސަބަބުން ކަމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ތަޙްލީލް ތަކުން ހާމަވުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ވަނީ ހުޅަނގު އައްސޭރީގެ ކަންކޮޅުތަކުގައި އެކަމާދެކޮޅަށް ވަރުގަދަ އިހްތިޖާޖްތަކެއް ފަށާފަ އެވެ.
އިސްރާއީލުންވަނީމިއިޙްތިޖާޖްތައް ހުއްޓުވުމަށް ފަލަސްތީނަށް ގޮވާލާފަ އެވެ. އަދި މިކަމުގައި ފަލަސްތީނުގެ ވެރިކަމުގެ އިދާރާ ފޭލް ވެއްޖެ ނަމަ ބާރުގެ ބޭނުންކޮށްގެން މިއިޙްތިޖާޖްތައް ހުއްޓުވާނެކަމުގެ އިންޒާރު ވެސް އިސްރާއީލުން ވަނީ ދީފަ އެވެ. އިސްރާއީލުގެ މިއިންޒާރާ ގުޅިގެން ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްވަނީ އިސްރާއީލު ބޭނުންވަނީ ފަލަސްތީނު ރައްޔިތުންގެގަޔަށް ބަޑިޖަހައި ފަލަސްތީނު ރައްޔިތުން މެރުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ޢަރަފާތު ޖަރާދާތުގެ ޖަނާޒާ ޚަލީލް ސަހަރުގެ އުތުރުގައިވާ ސަޢީރު އަވަށުގައި އިއްޔެ ބާއްވާފައިވާއިރު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުން ވަނީ އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ތެދުވުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލާފަ އެވެ. އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 700 އަށް ވުރެ ގިނަ އަސީރުން ގެންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ. (އަލްޖަޒީރާ)