26 Feb 2013, 09:09
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ(މަސީ) އަށް އިމާރާތެއް އެޅުމަށްޓަކައި މާލެއިން 4000 އަކަފޫޓޫގެ ބިމެއް ސަރުކާރުން ދީފި އެވެ.
ޓުރޭޑާސްހޮޓަލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މާލޭގެ 392 ނަމްބަރު ކޮށީގެ ބިން މަސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އަދި މަސީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު(ޖަނާ) އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ މަސީ އުފެދުނު ދުވަހުން ފެށިގެން ވެސް އެކި ސަރުކާރުތަކުގައި އެ ކުންފުއްޏަށް އިމާރާތެއް އަޅާނެ ބިމެއް ދިނުމަށް އެދިފައިވާނެ ކަމަށާއި އެ ބިމުގަިއ ތަރައްގީކުރުމަށް ނިންމާފައި ވަނީ 10 ބުރީގެ އިމާރާތެއް ކަމަށެވެ. އަދި އެ އިމާރާތަކީ އެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ ގޮތުން ތަފާތް އެކި ތަމްރީން ޕުރޮގުރާމްތަކެއް ހިންގާނެ ތަނެއް ކަމަށް ޖަނާ ވިދާޅުވި އެވެ.
\\\\\\\"މިފަދަ ބޮޑު އިމާރާތެއް އިމާރާތްކޮށް އަދި ސަސްޓެނައިބަލް ގޮތެއްގައި ހިންގުމަކީ އަޅުގަނޑުމެން ފަދަ ޖަމިއްޔާއަކަށް ފަސޭހަކަމެއް ނޫން، އާދެ އަޅުގަނޑުމެން ވިސްނާފައި އޮތީ މި އިމާރާތް ކުރުމަށްޓަކައި ތަފާތު ގިނަ ފައިނޭންޝަލް މޮޑެލްތަށް ބޭނުންކުރުން،\\\\\\\" ޖަނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށްއޮތް އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ޑިޒައިންކޮށް 30 މަސް ދުވަހުގެ ތެރޭގައި އެއިމާރާތުގެ މަސައްކަތްނިމި ހިދުމަތްދެވޭނެ ކަމަށެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓާ ޑރ. މުއިއްޒު ވިދާޅުވީ އެއިމާރާތުގެ ސަބަބުން ކޮންސްޓުރަކްޝަން އިންޑަސްޓްރީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެ މިނިސްޓުރީގެ ގޯތިތެރޭގައި އިމާރާތްކުރުމަށް ދޫކުރެވިފައިވާ އެއިމާރާތުގެ ތިން ފުލޯ އެމިނިސްޓުރީއަށް ލިބޭނެކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި މަސީއަށް ބިމެއް ހަވާލުކުރުމުގެ އިތުރުން ވަނީ ވަޒީފާދޭ ފަރާތްތަކުގެ ޖަމިއްޔާތަކުގެ ފެޑެރޭޝަން އުފެއްދުމުގެގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެފެޑެރޭޝަން އުފެއްދުމުގެގޮތުން މިރޭ ސޮއިކޮށްފައިވާ ހަ ޖަމިއްޔާއަކީ މޯލްޑިވުސް އެސޯސިއޭޝަން އޮފް ކޮންސްޓުރަކްޝަން އިންޑަސްޓުރީ އާއި މޯލްޑިވުސް އެސޯސިއޭޝަން އޮފް ޓުރިޒަމް އިންޑަސްޓުރީ އާއި މޯލްޑިވުސް އެސޯސިއޭޝަން އޮފް ޓުރެވަންއެޖެންޓް އެންޑް ޓުއާ އޮޕަރޭޓާގެ އިތުރުން މޯލްޑިވުސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް އާއި ރެސްޓީރެންޓް އެސޯސިއޭޝަން އާއި ލިވް އަބޯޑް އެސޯސިއޭޝަން އެވެ.