25 Feb 2013, 23:54
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ލަފާދީފައިވާތީ ނެކްސްބިޒުން ކުރި ދައުވާ އަށް ދައުލަތުން ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ދައުވާ ކޮށް ނެކްސްބިޒް ލިމިޑެޓްގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަކީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމަކީ ކޮބައިތޯ ބެލުމަށް މާލިއްޔަތު ކޮމިޓީން ކުރި ދިރާސާތަކެއްގެ އަލީގައި އެ ކޮމިޓީއަށް ފެންނަ ގޮތް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ ލަފައެއް ކަމަށެވެ.
ބޯޑާ ކޮންޓްރޯލް މައްސަލައިގައި މާލިއްޔަތު ކޮމެޓީން ކުރި ދިރާސާ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތަކަށް ނިންމައިދިނުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވާއިރު އެ ލަފަޔަކީ އޭގެ ޒާތުގައި އެއާ އެއްގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރުން ލާޒިމް ނިންމުމެއް ނޫން ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.
".... ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ނިންމާފައިވާ ނިންމުމަކީ ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކަކީ ކޮބައިތޯ ބެލުމަށް މާލިއްޔަތު ކޮމެޓީން ކުރި ދިރާސާތަކެއްގެ އަލީގައި އެ ކޮމެޓީއަށް ފެންނަ ގޮތް ބަޔާންކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ފެންނަގޮތަކަށް އެކަން ނިންމައިދިނުމަށް އެދި ހުށަހަޅާފައިވާ އެ ކޮމެޓީގެ ލަފައެއް ކަމުގައި ވީހިނދު، މާލިއްޔަތު ކޮމެޓީގެ ބުނެވިދިޔަ ނިންމުމަކީ އޭގެ ޒާތުގައި އެއާއެއްގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރުން ލާޒިމް ނިންމުމެއް ނޫންކަށް އެނގެން އޮންނާތީ، މާލިއްޔަތު ކޮމެޓީގެ އެ ނިންމުމާ ގުޅޭގޮތުން މި މައްސަލައިގައި ދައުލަތުން ޖަވާބުދާރީވާން ޖެހޭ ދައުވާއެއް ނެތްކަމަށް ކަނޑައަޅައިފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.