އެމެރިކާގެ އޮންލައިން ނޫހެއް ކަމަށްވާ "ބިޒްނަސް އިންސައިޑާ" އިން ނެރޭ ދުނިޔޭގެ އެންމެ ބަދުނަސީބު ގައުމުތަކުގެ (25 މޯސްޓް މިސްރަބަލް ޕްލޭސަސް އިން ދަ ވޯލްޑު) ލިސްޓުގެ 22 ވަނައިގައި ދިވެހިރާއްޖެ ހިމަނައިފި އެވެ.

"ކުރޫޑު އިކޮނޮމިކް މެޝާ" އެއް ކަމަށްވާ "މިސަރީ އިންޑެކްސް" އިން ގައުމެއްގެ ހާލަތު ދެނެގަންނަން ބޭނުންކުރާ ދެ މިންގަނޑަކީ ގައުމެއްގެ ތަކެތީގެ އަގު ބޮޑުވަމުން އަންނަ ނިސްބަތް (ކޮންސިއުމާ ޕްރައިސް އިންޑެކްސް އިންފްލޭޝަން) ގެ އިތުރުން އެގައުމެއްގެ ވަޒީފާ ނެތް މީހުން ނިސްބަތް (އަންއެމްޕްލޯއިމަންޓް ރޭޓް) އެވެ.

ބިޒްނަސް އިންސައިޑާއިން ބުނީ މިއިންޑެކްސްގައި ވަޒީފާ ނެތް ނިސްބަތާއި ތަކެތީގެ އަގު ބޮޑުވަމުންދާ ނިސްބަތް ބޭނުންކުރަނީ، އެ ދެ ނިސްބަތް މައްޗަށް ދާ ނަމަ ގައުމެއްގެ ހާލަތު ގޯސްވެ، އެގައުމެއްގައި ދިރިއުޅުމަކީ ގައުމުގެ ރައްޔިތުންނަށް އުނދަގޫ އަދި ހިތްދަތި ކަމަކަށް ވެގެންދާނެ ތީ ވެ ކަމަށެވެ.

އަފްގާނިސްތާނުން ފެށިގެން ޒިމްބާބުވޭއާ ހަމައަށް ދުނިޔޭގެ 197 ގައުމެއްގެ އިގުތިސާދުގެ ނިސްބަތްތައް އަޅާކިއުމަށްފަހު ބިޒްނަސް އިންސައިޑާއިން ނެރެފައިވާ މިއަހަރުގެ މިސަރީ އިންޑެކްސްގައި ތަފާސް ހިސާބުތަކަށް ބޭނުންކޮށްފައި ވަނީ ސީއައިއޭގެ ދުނިޔޭގެ ފެކްޓްބުކުއިން ނަނގާފައިވާ މައުލޫމާތެވެ.

ލިސްޓްގެ 22 ވަނާގައި ރާއްޖެ އޮތް އިރު، ރާއްޖޭގެ އިންފުލޭޝަންގެ ނިސްބަތް އުޅެނީ 12.8 އިންސައްތައިގަ އެވެ. އަދި ވަޒީފާ ނެތް މީހުންގެ ނިސްބަތް އުޅެނީ 28 އިންސައްތައިގަ އެވެ.

"ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަކީ ވަރަށް ހިތްގައިމު ތަނެއް. ޓޫރިޒަމަކީ ރާއްޖޭގެ ޖީޑީޕީގެ 30 އިންސައްތަ ހިއްސާވާ ސިނާއަތް ކަމުން މިއީ ރަނގަޅު ކަމެއް. އެހެން ނަމަވެސް، ފަހަކަށް އައިސް ޓޫރިސްޓުން ޒިޔާރަތްކުރާ އަދަދު މަދުވުމާއެކު، ސަރުކާރުން ކުރަމުންދާ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވޭ. މީގެ ސަބަބުން ތަކެތީގެ އަގު މައްޗަށް ދަމުންދާއިރު، 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވަޒީފާ ނެތް މީހުން އަދަދު ވަނީ ދެގުނަ މައްޗަށް ގޮސްފައި..." ބިޒްނަސް އިންސައިޑާއިން ބުނެ އެވެ.

މިލިސްޓުގައި ރާއްޖެއަށް ވުރެއް ފަހަތުގައި އުޅޭ ތިން ގައުމަކީ، އިރާނާއި، މޮރިޓޭނިއާ އަދި މާލީ އެވެ.
ރާއްޖެ ހިމެނޭ ސާކު ސަރަހައްދަށް ބަލާލާއިރު، ލިސްޓުގައި ހިމެނޭ ގައުމުތަކަކީ ދިވެހިރާއްޖޭގެ އިތުރުން އަފްގާނިސްތާނާއި ނޭޕާލް އެވެ.

ލިސްޓުގެ 11 ވަނައިގައި އަފްގާނިސްތާނު އޮތް އިރު ނޭޕާލް އޮތީ ލިސްޓުގެ 8 ވަނައިގަ އެވެ.

ލިސްޓުގެ އެއްވަނަ މަގާމުގައި ދުނިޔޭގެ އެންމެ ބަދުނަސީބު ގައުމުގެ ގޮތުގައި ހިމަނާފައި ވަނީ ޒިމްބާބުވޭ އެވެ. ޒިމްބާބުވޭގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް އުޅެނީ 95 އިންސައްތައިގަ އެވެ.