މާލޭގައި އިމާރާތް ކުރުމަށް ފަށާފައިވާ އިމާރާތްތަކުގެ ތެރެއިން މިހާތަނަށް ނުނިމި ހުރި އިމާރާތްތައް ނިންމުމުގެ ގޮތުން ސަރުކާރުން 150 މިލިއަން ރުފިޔާ އެހީއެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މަސީއަށް މާލެއިން ބިމެއް ދިނުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް މިރޭ ޓުރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުވުމުގެގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށާއި އެގޮތުން މާލޭގައި މިހާރު ހަދަން ފަށާފައިވާ އިމާރާތްތަކުގެ ތެރެއިން ނުނިމިހުރި އިމާރާތްތައް ނިންމުމަށް ސަރުކާރުން 150 މިލިއަން ރުފިޔާގެ އެހީއެއް މިއަހަރުތެރޭގައި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އިމާރާތްކުރަންފަށާފައިވާ އިމާރާތްތަކުގެ ތެރެއިން ނުނިމިހުރިތަންތަން ނިންމުމަށްޓަކައި ސަރުކާރުގެ ސައިޑުން ގެރެންޓީދީގެން މޯލްޑިވްސް ހައުސިން ފައިނޭންސް ކޯޕަރޭޝަންގެ ތެރެއިން ގާތްގަނޑަކަށް 150 މިލިއަން ރުފިޔާގެ އެހީ ވަރަށް ގިނަ އާއިލާތަކަށް ލިބޭގޮތަށް ދެއްވާގޮތަށް މިހާރު ވަނީ ހަމަޖެހިފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެޕުރޮގުރާމަކީ މާލެއަށް އެކަނި ކުރިއަށްގެންދާ ޕުރޮގުރާމަކަށްވީ ނަމަވެސް ވަރަށް ކައިރި މުސްތަގުބަލެއްގައި ރާއްޖެ ތެރެއަށްވެސް އެފަދަ ޕުރޮގުރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖެތެރޭގެ ގޭތައް މޯގޭޖްކޮށްގެން ބެންކްތަކުން ލޯންލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ބެންކްތަކާއެކު މަޝްވަރާކުރާނެކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮންސްޓުރަކްޝަން ދާއިރާއަށް ބޭނުންވާ ލޯންތައް ހޯދޭނެ މަގުފަހިކޮށްދިނުމަށާއި އެދާއިރާއަށް ބޭނުންވާ ގާނޫނުތައް ހެދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ މިއަންނަ އަހަރަށް ތައްޔާރުކުރާ ސަރުކާރުގެ ބަޖެޓްގެ ތެރެއިން ކޮންސްޓުރަކްޝަން އިންޑަސްޓްރީ ކުރިއެރުވުމަށް އެހީތެރިވުމުގެގޮތުން އެދާއިރާގައި ބޭނުންކުރާ މެޝިނެރީ ރާއްޖެއެތެރެކުރުމަށް މިހާރު ނަގަމުންދާ ޑިއުޓީ ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.