25 Feb 2013, 22:59
ފުވައްމުލަކު އެއްވަނަ ސްކޫލް ކްރިކެޓް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި މިއަދު މަދުރަސަތުއް ޝައިހު މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) ސްކޫލާއި ވާދަކޮށް އޭއީސީ އިން މެޗު ކާމިޔާބުކުރީ 17 ލަނޑުން ނެވެ. އޭއީސީއާ އެކު ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެގެން އެމްޖޭއެމްއެވެ.
މިއަދުގެ މެޗުގައި ޓޮސް ދިމާވުމުން އެމްޖޭއެމް އިން ގަސްދުކުރީ ހޮވާށެވެ. އެހެން ކަމުން އޭއީސީން ކުޅެންއަރައި 10 އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައިވިއިރު 76 ލަނޑު ހަދާފައި ވެއެވެ. ޖަވާބުގައި ފުވައްމުލަކު ސްކޫލުން ކުޅެން އަރައި 10 އޯވަރުތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 49 ލަނޑެވެ. މިއަދުގެ މެޗުގައި އެންމެ ރަނގަޅަށް އުކާފައި ވަނީ ތިން އޯވަރު 16 ލަނޑަށް އެއް ވިކެޓްނެގި އެމްޖޭއެމް ސްކޫލުގެ ސިދާތު ޝިވަން އެވެ. އެންމެ ރަނގަޅަށް ކުޅެފަވަނީ 23 ބޯޅައިން 28 ލަނޑު ހެދި އޭއީސީގެ ޢަލީ ޝަމާލް ޢަބްދުﷲ އެވެ.
ފައިސަލް ފައުންޑޭޝަނުން ސްޕޮންސާ ކޮށް، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާ ގުޅިގެން ފުވައްމުލަކު ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދާ ފުރަތަމަ ކްރިކެޓް މުބާރާތުގެ ފައިނަލުގައި އަތޮޅު ތައުލީމީ މަރުކަޒާއި މަދުރަސަތުލް ޝައިހު މުހައްމަދު ޖަމާލުއްދީން ސްކޫލް ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަދުވަހު ހަވީރު 4:15ގައި ފުވައްމުލަކު ކްރިކެޓް ދަނޑުގައެވެ.