25 Feb 2013, 22:43
ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލްގެ 22 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފި އެވެ. އެކައުންސިލެއްގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވި އެވެ.
ޔޫއެން ހިއުމަންރައިޓްސް ކައުންސިލްގެ 22 ވަނަ ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ހިއުމަން ރައިޓްސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، އެންވަޔަރްމެންޓް މިނިސްޓަރު މަރިޔަމް ޝަކީލާ އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޔޫއެން ހިއުމަންރައިޓްސް ކައުންސިލްގެ 22 ވަނަ ސެޝަން ފެށި އިރު އެކައުންސިލްގެ އިސްފަރާތްތަކުން އެންމެ ބޮޑަށް ބާރުއަޅުއްވައި ގޮވައިލެއްވީ ބައިނަލްއަގުވާމީ އިންސާފު ލިބިދިނުމަށެވެ.
ސެޝަން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޔޫއެން ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ނަވި ޕިއްލޭ ވިދާޅުވީ "ހުރިހާ އެންމެންގެ ހުރިހާ އިންސާނީ ހައްގުތަކެއް ހިމާޔަތް ކޮށްދިނުމަށް ވެފައިވާ ވައުދު މާ ގިނަ މީހުންނަށް އަދިވެސް އޮތީ ހުވަފެނެއްގެ ގޮތުގައި" ކަމަށެވެ.
"ރުވާންޑާ އާއި ބޮސްނިއާ އެންޑް ހަޒްރެގޮވީނާގައި ހިންގި ގަތުލުއާއްމުތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައި، ފަލަސްތީނުގެ ބިންތައް އަދި ވެސް ވަނީ ހިފާފައި، އިރާގާއި ސްރީލަންކާގައި ވަނީ އިންސާނީ ހައްގުތައް ނަގާލުމުގެ ބޮޑެތި ކުށްތައް ހިންގާފައި،" މިއަދުގެ ބައްދަލުވުމުގައި ޕިއްލޭ ވިދާޅުވެފައިވެ އެވެ.
ދާހިލީ ހަމަނުޖެހުންތައް ހިނގަމުންދާ އަފްޣާނިސްތާނާއި ސޫރިއާ އާއި މާލީގައި ހައްގުތައް ގެއްލެމުންދާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ސެޝަންގައި ބައިވެވަޑައިގެންނެވި ރާއްޖޭގެ ވަފުދުން މާދަމާ ޕިއްލޭއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މިނިސްޓަރު ޝަކީލާ މާދަމާ ކައުންސިލުގައި ބަޔާނެއް ދެއްވާނެ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.
އަދި ބުނީ 2014 އިން 2016 އަށް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި އަލުން އިންތިހާބު ވުމަށް ރާއްޖޭން ކުރާ ކެމްޕޭން މާދަމާ ލޯންޗް ކުރާނެ ކަމަށާއި އެ ކެމްޕޭން ލޯންޗްކުރައް ވާނީ ދުންޔާ މައުމޫނު ކަމަށެވެ.
ކައުންސިލަށް މެމްބަރުން ހޮވުމުގެ އިންތިހާބު އޮންނާނީ އަންނަ އޮކްޓޯބަރުމަހާއި ނޮވެމްބަރު މަހު ނިއުޔޯކްގައި އޮންނަ ޔޫއެންގެ ޖެނެރަލް އެސެމްބްލީގަ އެވެ.
މިއަދަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެކުލަވާލި ގަރާރެއް ކަމަށްވާ "ވިއެނާ ޑެކްލަރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން" އަށް 20 އަހަރު ފުރުނު ދުވަހެވެ. އެ ގަރާރު ފާސްކުރީ 1993 ވަނަ އަހަރު އޮސްޓްރިއާގެ ވިއެނާގަ އެވެ.