ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ ފަށާ މިއަހަރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ދިރާގު ދިވެހި ލީގުގެ ފުރަތަމަ ހަތަރު މެޗަށް ބިދޭސީ ރެފްރީން ގެންނަން އެފްއޭއެމް އިން ނިންމައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް މިރޭ ވިދާޅުވީ، މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ ދިރާގު ދިވެހި ލީގުގެ ފުރަތަމަ ހަތަރު މެޗަށް ބިދޭސީ ރެފްރީން ގެންނަން ނިންމީ މި ހަފްތާގައި ކުޅޭ އޭއެފްސީ ޗެމްޕިއަންސް ލީގު ބައެއް މެޗްތަކުގެ ރެފްރީކަން ކުރުމަށް ރާއްޖޭގެ ބައެއް ފީފާ ރެފްރީން ބޭރަށް ގޮސްފައި ވުމުން ކަމަށެވެ. އެހެން ކަމުން ދިވެހި ލިވެހި ލީގުގެ ފުރަތަމަ ހަތަރު މެޗަށް ގެންނަ ދެ ރެފްރީން ނަކީ އަވަށްޓެރި ސްރީލަންކާގެ ދެ ރެފްރީން ކަމަށް ހާނިމް ވިދާޅުވިއެވެ.

އެފްއޭއެމް އިން ބުނީ، މި ހަފުތާގައި ކުޅޭ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ބައެއް މެޗްތަކުގައި ރެފްރީކަން ކުރުމަށް ރާއްޖޭގެ ފީފާ ފަސް ރެފްރީއަކު ބޭރަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން އެ ރެފްރީން ނަކީ އެލީޓް ގްރޫޕުގެ ހަތަރު ރެފްރީން ކަމަށްވާ ފީފާގެ އެލީޓް ރެފްރީ އަލީ ސަލީމާއި ބަދަލު ރެފްރީ އަހުމަދު އަމީޒާއި އިބްރާހީމް ތައުފީގް (ޑޯނާ) އާއި އަހުމަދު އަސްލަމްގެ އިތުރުން މުހައްމަދު އަނިލް އެވެ.

ދިރާގު ދިވެހި ލީގުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 9:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ނިއުރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީ އެވެ.

މިއަހަރުގެ ދިވެހި ލީގުގެ މެއިން ސްޕޮންސަރުންނަކީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގެވެ. އެގޮތުން ދިރާގުން މިފަހަރުގެ މުބާރާތް ސްޕޮންސާ ކޮށްފައި ވަނީ 1.3 މިލިޔަން ރުފިޔާއަށެވެ. އެގޮތުން ދިރާގަކީ މިމުބާރާތް އެންމެ ގިނައިން ސްޕޮންސާ ކޮށްފައިވާ ހަމައެކަނި ކުންފުނި ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

އެފްއޭއެމުން މިއަދު ބުނީ ބިދޭސީ ރެފްރީން ގެނައުމަކީ ޚަރަދު ބޮޑުކަމަކަށްވުމުން ރާއްޖެ ގެންނަ ރެފްރީން މާގިނަ ދުވަހަކު ނުބައިތިއްބާނެ ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގަށް ލަންކާ ރެފްރީން މިގެންނަނީ އަހަރުތަކަކަށްފަހު އެވެ. ލަންކާ ރެފްރީން މިދިޔަ ހަތަރު އަހަރު ތެރޭގައި ރާއްޖެ ގެނެސްފައިވަނީ ދެ ވަނަ ޑިވިޝަނާއި އަތޮޅު މުބާރާތްތަކުގައި ރެފްރީކަން ކުރާށެވެ. ދިވެހި ރެފްރީންގެ ތާށިކަން ބޮޑުވުމުން ފަހަކަށް އައިސް ގަލޮޅު ދަނޑަކަށް ނުކުންނަމުންދިޔައީ އިންޑިޔާ ރެފްރީންނެވެ. ނަމަވެސް މި ދުވަސްވަރަކީ އިންޑިޔާގެ ފުޓްބޯޅައިގެ ބިޒީ ދުވަސްވަރަކަށްވެފައި އެގައުމުގެ ފީފާ އޮފިޝަލުން ވެސް ތިބީ ޗެމްޕިއަންސް ލީގަށް ނޮމިނޭޓްކޮށްފަ އެވެ.

1.3ިމިލިއަން ރުފިޔާއާއެކު ދިރާގާއެކު ސްޕޮންސާޝިޕް އެގްރީމަންޓްގައި ސޮއިކުރުމަށްފަހު ދިވެހި ލީގު މާދަމާރޭ ފަށާނީ ޗެމްޕިއަން ނިއު އާއި ވީބީގެ މެޗުންނެވެ.