ދުނިޔެއާއި އިރާ ދެމެދު ދަތުރުކުރަމުންދާ ގިނިހިލަތައް ހޯދައި އެހިލަތައް ދެނެގަތުމަށް ފަރުމާކޮށްފައިވާ ހާއްސަ ނިއާ-އާތު އޮބްޖެކްޓް ސާވެއިލަންސް ސެޓެލައިޓް (ނިއޯސްސެޓް) ކެނެޑާއިން ލޯންޗުކޮށްފި އެވެ.

ރަޝިޔާ އަށް މިމަހުގެ ތެރޭގައި ވެއްޓުނު ގިނިހިލައިގެ ސަބަބުން އިތުރު ގިނިހިލައެއް ދުނިޔެ އަށް ވެއްޓުން ހުއްޓުވުމާ ގުޅޭ ބަހުސްތައް އިތުރުވެފައި ވަނިކޮށް ކެނޭޑިއަން ސްޕޭސް އެޖެންސީ (ސީއެސްއޭ) އިން ލޯންޗުކުރި ނިއޯސްސެޓް ލޯންޗުކޮށްފައި ވަނީ އިންޑިއާގެ ޕޯލާ ސެޓެލައިޓް ލޯންޗު ވެހިކަލް (ޕީއެސްއެލްވީ)ގައި އިންޑިއާގެ ސަތިޝް ދަވާން ސްޕޭސް ސެންޓަރުން ނެވެ.

ބަރުދަނުގައި އެންމެ 65 ކިލޯގުރާމް ހުންނަ 12 މިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މިސެޓެލައިޓަކީ ދުނިޔެއާއި އިރާ ދެމެދުގައިވާ ގިނިހިލަތައް ހޯދާ، އެހިލަތައް ޓްރެކްކޮށް، ހިލައެއްގެ ސަބަބުން ދުނިޔެއަށް ގެއްލުމެއްވާ ނަމަ، އެކަން ހޯދުމުގެ ގާބިލްކަން ލިބިފައިވާ ސެޓެލައިޓެކެވެ.

ދުނިޔޭގެ ކަނޑުގެ ސަތުހުން 700 ކިލޯ މީޓަރު މަތީގައި ނިއޯސްސެޓް ކޮންމެ 100 މިނެޓަކުން ދުނިޔެ ވަށާ ބުރެއް ޖަހާނެ ކަމަށް ސީއެސްއޭ އިން ބުނެ އެވެ.

ގިނިހިލަ ޓްރެކްކުރުމުގެ އިތުރުން ޖައްވުގެ ތެރޭގައި އެނބުރޭ މިހާރު ބެނުންނުކުރާ ސެޓެލައިޓްތައް ފަދަ "ސްޕޭސް ޖަންކު" ހޯދާ، އެފަދަ އެއްޗެއްގެ ސަބަބުން ވެސް ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކަލާ ގުޅޭ އެސެސްމަންޓުތައް ނިއޯސްސެޓުން ހަދަމުންދާނެ އެވެ.

އިންޑިއާ އިން ރާއްޖޭ ގަޑިން 5:30 ހާއިރު ލޯންޗުކުރި ޕޯލާ ސެޓެލައިޓް ލޯންޗު ވެހިކަލްގައި ނިއޯސްސެޓުގެ އިތުރުން 5 ސެޓެލައިޓެއް ވަނީ ލޯންޗުކޮށްފަ އެވެ.

މީގެ ތެރޭގައި ފަރަންސޭސިވިލާތާއި އިންޑިއާ އިން ގުޅިގެން އުފައްދާފައިވާ އޯޝަން ރިސާޗު ސެޓެލައިޓަކާއި ކެނެޑާގެ އަސްކަރީ ސެޓެލައިޓަކާއި ކެނެޑާއާއި އޮސްޓްރިއާ އިން ގުޅިގެން އުފައްދާފައިވާ ބްރައިޓް ޓާގެޓް އެކްސްޕްލޯރާ ނެނޯ ސެޓެލައިޓްތަކަކާއި ސްމާޓްފޯނެއްގެ އެހީގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ސެޓެލައިޓެއްގެ އިތުރުން ޑެންމާކުގެ ކިޔަވާ ކުދިންތަކެއް ފަރުމާކޮށްފައިވާ ސެޓެލައިޓެއް ހިމެނެ އެވެ.