އިޓަލީވިލާތުގެ ބަރުލަމާނީ އިންތިހާބުގެ ވޯޓުގެ ގުނުން ފެށިގެން މިހާރު ކުރިޔަށް ދާ އިރު، މިހައި ތަނަށް ގުނުނު ވޯޓުން ސެންޓަ-ރައިޓް އަދި ސެންޓަ-ލެފްޓުގެ ކެންޑިޑޭޓުން އުޅެނީ ވަރަށް ހަމަހަމަކޮށް ކަމަށް ދައްކައިފިއެވެ.

ޕާލަމެންޓުގެ ތިރީ ގޭގެ ގިނަ ގޮނޑި ސެންޓަ-ލެފްޓް ކެންޑިޑޭޓުންނަށް ލިބޭނެ ކަމަށް ބެލެވިފައި ވާ އިރު، ސެނެޓުގައި ކުރި ހޯދާނެ ކަމަށް ބެލެވެނީ ސެންޓަ-ރައިޓް ކެންޑިޑޭޓުންނެވެ. މި ގޮތުން މިހާރުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ޕިޔެރް ލުއިޖީ ބެރްސާނީގެ ސެންޓަ-ލެފްޓް ބްލޮކަށް ޕާލަމެންޓުގެ ތިރީ ގޭގެ ވޯޓުން ލިބިފައި ވަނީ %34.5 އެވެ. އަދި ސިލްވިޔޯ ބެރްލުސްކޯނީގެ ސެންޓަ-ރައިޓް ބްލޮކަށް ލިބިފައި ވަނީ ވޯޓުގެ %29 އެވެ.

އެހެންނަމަވެސް، މަތީ ގޭގެ ވޯޓުގައި %31.6 އިން ބެރްލުސްކޯނީގެ ބްލޮކް ކުރީގައި އުޅޭ އިރު، ބެރްސާނީގެ ބްލޮކް އުޅެނީ %29.4 ގައެވެ.

ދެ ގޭގެ ވޯޓުގައި ވެސް ތިންވަނައިގައި އުޅެނީ ކުރީގެ ކޮމެޑިއަނަކު އިސްކޮށް ހުރެގެން ހިންގާ ދެކޮޅު ހެދުމުގެ ހަރަކާތެކެވެ.

ދެ ދުވަހުގެ މުއްދަތަށް ދެމިގެން ދިޔަ ވޯޓަށް ފަހު، މާރިޔޯ މޮންޓީގެ ޓެކްނޮކްރެޓިކް ސަރުކާރުގެ ވެރިކަން ނިމުމަކަށް އައިސް އަނެއްކާ ވެސް އިޓަލީއަށް ޑިމޮކްރެޓިކް ވެރިކަމެއް އައުން ފާހަގަ ކުރެވިގެން ދިޔައީއެވެ.