25 Feb 2013, 19:23
ހާބަރު ސަރަހައްދާއި އާޓިފިޝަލް ބީޗް އަދި ކާނިވާ ސަރަހައްދުގައި ހުރި ފުޑްކޯޓްސްތަކާއި އެކިއެކި ތަންތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އެތަންތަނަށް އަންގާ އިންޒާރު ދެމުން އަންނަ ކަމަށާއި ނަމަވެސް ދައުލަތުން އެގޮތަށް ނާންގާހާ ހިނދަކު އެ އަމުރަށް ތަބާ ނުވުމަށް ހައުސިން މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ތަންތަން މިދިޔަ އަހަރުގެ ތެރޭގައި މިނިސްޓްރީ އަށް ނަގާފައިވާ އިރު އެ ތަންތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އިންޒާރުދީ އަދި ކަރަންޓު ކަނޑާލާނެ ކަމަށް ބުނެ ބިރުދައްކަމުން އަންނަ ކަމަށެވެ. އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ދަށު ދަރަޖައިގެ ނާތަހްޒީބް އަމަލުތަކެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު މި ލިބެނީ ކާނިވާ ސަރަހައްދުގައި ހުރި ވަރަށް ގިނަ ފުޑްކޯޓްސް ތަކާ، އެކިއެކި ތަންތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އެކިއެކި އިންޒާރުތަކާއި ލިޔުންތަކާއި އެއްޗެތިދީ ހަދަމުން އަންނަ ކަމަށް. އަދި ކަރަންޓު ކަނޑާލާނެ ކަމަށް ބުނެވެސް އެބަ ބިރު ދައްކާ. އެހެންވީމާ ފުޑްކޯޓްސްތައް ހިންގާ ފަރާތްތަކުން އެއްގޮތަކަށް ވެސް ނުޖެހޭ ސިޓީ ކައުންސިލުން އެ އަންގާ ގޮތަށް އެތަންތަން ހުސްކުރާކަށް. ސިޓީ ކައުންސިލްގެ ނޭއްގާނީ އަމުރުތަކަށް ފުޑްކޯޓުތަކުން އަމަލުކުރާކަށް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ތަންތަން ތަރައްގީ ކުރުމުގެ ޕްލޭނެއް ދައުލަތުން ހުށަހަޅާ ވަޒީރުންގެ މަޖިލީހުން އެ ޕްލޭން ފާސްކޮށްފައިވާ އިރު އެކަން ނުފެށިގެން އުޅެނީ ވެސް ސިޓީ ކައުންސިލުން އެކަމަށް ހުރަސް އަޅަމުން ގެންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ފެއްޓޭގޮތް ވުމުން އެތަންތަން ހުސްކުރަން އެކަށީގެންވާ މުހުލަތެއް ދެއްވާނެ ކަމަށެވެ. އަދި އެތަންތަން ތަރައްގީކޮށް ނިމޭއިރު ވެސް އެފަދަ ފުޑްކޯޓްސް ތަށް އެ ސަރަހައްދުގައި ހުންނާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން މިއަދު އެހެން ބުނި އިރު މާލޭ ސިޓީ ކައުންސިލުން ވަނީ ހާބަރު ސަރަހައްދާއި އާޓިފިޝަލް ބީޗް އަދި ކާނިވާ ސަރަހައްދުގައި ހުރި ފުޑްކޯޓްތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ ތަންތަން އަލުން ކުއްޔަށް ދޭން ނިންމާ އެ ތަންތަން ހުސްކުރުމަށް އަންގާ ނޯޓިސް ވެސް ފޮނުވާފަ އެވެ.