25 Feb 2013, 19:22
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރިކަމުގެ ދައުވާ އަށް އިންކާރު ކުރައްވައި އެމްއެންޑީއެފްގެ ކާނަލް މުހައްމަދު ޒިޔާދު އިޖުރާއީ ނުކުތާތަކެއް ނަންގަވައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ އާއިޝަތު ފަޒުނާ އަހްމަދު ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށްނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ ޒިޔާދުގެ މައްޗަށް އުފުލާފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ އެންގުމުން އެމްއެންޑީއެފްގެ ކާނަލެއްގެ ގޮތުގައި ހުރެ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އެމްއެންޑީއެފުން ހިންގި އޮޕަރޭޝަންގައި ޒިޔާދު ބައިވައިވެރިވެފައިވާތީ ކަމަށެވެ.
ދައުވާއަށް ޖަވާބުދާރީވަމުން ޒިޔާދު ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާގެ އަސްލަށް އިންކާރު ކުރައްވާ ކަމަށެވެ. އެއަށް ފަހު އޭނާގެ ގާނޫނީ ވަކީލު މަޒުލާން ރަޝީދު ވަނީ އިޖުރާއީ ދެ ކުނުތާއެއް ނަންގަވާފަ އެވެ.
ފުރަތަމަ ނެންގެވި ނުކުތާއަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރި ވީޑިއޯ އިން އެހަރަކާތުގައި އެތަކެއް ސިފައިންގެ މީހުން ބައިވެރިވާ މަންޒަރު ފެންނައިރު އެމީހުންގެ މައްޗަށް ދައުވާ ނުކޮށް ޒިޔާދާއި ސިފައިންގެ ބައެއް ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފައި ވުމަކީ ދައުވާ ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހަމަހަމަ އުސޫލެއް ނުގެންގުޅުއްވާކަން އެނގިގެންދާ ކަމެއް ކަމަށް ވިދާޅުވެ ނެންގެވި ނުކުތާ އެވެ.
ދެވަނަ ނުކުތާއަކީ އަބްދުﷲ ގާޒީ އަކީ ކުށް ނުކުރާ މީހަކު ކަމަށް ދައުވާގައި ކަނޑައަޅާފައިވަނީ ކޮންގޮތަކަށް ކަމަށް ވިދާޅުވެ ނެންގެވި އިޖުރާއީ ނުކުތާ އެވެ.
އިޖުރާއީ ނުކުތާތައް ނެންގެވުމަށް ފަހު މަޒުލާން ވިދާޅުވީ ޒިޔާދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ދައުވާ އެއްކަމަށެވެ. އަދި ގަނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ޒިޔާދުގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އެ މާއްދާ އަކީ ގާނޫނު އަސާސީގެ މަފްހޫމާ ޚިލާފު މާއްދާއެއް ކަމަށާއި އެއީ ގާނޫނީގޮތުންނާ ދުސްތޫރީގޮތުން ބާރުލިބިފައިވާ މާއްދާއެއް ނޫންކަމަށެވެ.
މަޒުލާންގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ފަޒުނާ ވިދާޅުވީ ޒިޔާދުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ ގޮތުން ބޭއްވި އެކި ބައްދަލުވުންތަކުގައި ޒިޔާދު ބައިވެރިވެފައިވާކަން ހެކީންގެ ބަޔާންތަކުން އެންގޭ ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ދިޔަ ސިފައިންގެ ޓީމަކީ އޯޑަރު އައީމަ ތަންފީޒު ކުރަން ތިބޭ ބައެއްކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ޒިޔާދަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެފައިވާ ބޭފުޅަކަށްވާތީ އެއީ ގާނޫނާ ޚިލާފުކަމެއްކަން އޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ފަޒުނާ ވިދާޅުވި އެވެ.