އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގުމަށް މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާ އުސްފަސްގަނޑު މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހުސްކޮށް ހަވާލުކުރުމަށް ހައުސިންގް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ނޯޓިސް ދީފި އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލަށް ހަތް ދުވަހުގެ ނޯޓިސް ފޮނުވީ ހައިކޯޓުގެ ނިންމުމުގައިވާ ކަންތައްތަކަށް ރިޔާޔަތްކޮށް އެޓާނީ ޖެނެރަލް ދެއްވި ލަފާފުޅާއި މަޝްވަރާގެ މަތީން ކަމަށާއި އަދި އެ މުއްދަތުގައި ހަވާލު ނުކޮށްފި ނަމަ ކަނޑައެޅިފައި އޮންނަ ޝަރުއީ ހަމަތަކުގެ މަތިން އެތަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް މިއަދު ފޮނުވި ނޯޓިސްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އުސްފަސްގަނޑު ތަރައްގީ ކުރުމުގެ ޕްލޭނެއް ސިޓީ ކައުންސިލުން އެކުލަވާލާފައި ނުވާ ކަމާއި އަދި ލޯކަލް ކައުންސިލްތަކުގެ އިޚްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލު ކުރުމުގެ ގަވާއިދުގެ އެތައް މާއްދާ އަކާ އެ ކައުންސިލުން ޚިލާފު ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އެޓާނީ ޖެނެރަލްގެ ލަފާފުޅާ އެކީގައި ވާނީ މާލޭ ސިޓީ ކައުންސިލަށް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އުސްފަސްގަނޑު ހުސްކުރައްވައި ހައުސިން މިނިސްޓްރީއާ އެ ބިން ހަވާލުކުރުމަށް. އަދި މި މުއްދަތުގައި ހަވާލު ނުކޮށްފި ނަމަ ކަނޑައެޅިފައި އޮންނަ ޝަރުއީ ގާނޫނީ ހަމަތަކުގެ މަތިން އެތަން މިނިސްޓްރީގެ ބެލުމުގެ ދަށައް ގެނެވޭނެ ކަމާއި އޭގެ ފަހުން އެތަނުގައި ހުންނަ ތަކެއްޗަށް މި މިނިސްޓްރީން ޒިންމާ ނުވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެ ބިން ބޭނުން ކުރެވެމުން ނުދާ ކަމަށެވެ. އެހެން ކަމުން ލޯކަލް ކައުންސިލްތަކުގެ އިޚްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ހަތަރު ވަނަ މާއްދާގައި ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިންތައް ބޭނުން ކުރުމުގައި ގާނޫނާ ގަވާއިދާއި ޚިލާފު ވެއްޖެ ނަމަ އެ ބިމެއް މިނިސްޓްރީ އަށް ނެގޭނެ ކަމަށް ބަޔާން ކޮށްފައިވާތީ އާ އަދި އެ ގޮތަށް ހައިކޯޓުގެ ހުކުމުގައި ވެސް ބަޔާން ކޮށްފައިވާތީ އެ މާއްދާގެ ދަށުން 19 ސެޕްޓެމްބަރު 2012ގައި ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިންތަކުގެ ތެރެއިން ދަރުބާރުގޭ ދެކުނުން ހިއްކާފައިވާ ސަރަހައްދާ އަދި އުސްފަސްގަނޑު ސަރަހައްދު މިއަދު ފޮނުވި ލިޔުމުން އެ ފަރާތުން އުނި ކޮށްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް މިއަދުން ފެށިގެން ހަތް ދުވަހުގެ މުހުލަތެއް ދިން އިރު އުސްފަސްގަނޑުގައި ހުރި އެމްޑީޕީގެ ހުރިހާ އެއްޗެއް ގެންގޮސް ތަން ހުސްކުރުމަށް ސިޓީ ކައުންސިލުން އެމްޑީޕީ އަށް ވަނީ މި ހަފްތާގެ ތެރޭގައި މުހުލަތެއް ވެސް ދީފަ އެވެ.