ތެހެރާން (ފެބްރުއަރީ 25): އީރާނުން ކުރޫޒް މިސައިލްގެ މުޅިން އާ މަރުކާއެއްގެ މިސައިލެއް ކާމިޔާބުކަމާ އެކު ތަޖްރިބާކޮށްފި އެވެ.

އީރާނުގެ ސިފައިންގެ ތެރޭގައި ހިނެނޭ އެންމެ ބާރުގަދަ ލަޝްކަރުކަމަށްވާ އިންޤިލާބީ ލަޝްކަރުން ބުނި ގޮތުގައި އެގައުމުން ތަޖްރިބާކުރި އައު ކްރޫޒް މިސައިލަކީ ހަނގުރާމަތީ މަނަވަރު ގޮއްވާލުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ މިސައިލެކެވެ. މިއީ ކުރު ރާސްތާގެ މިސައިލެއް ނަމަވެސް މިއީ ސްމާޓް ޓެކްނޮލޮޖީގެ މިސައިލެއް ކަމަށް އިންޤިލާބީ ލަޝްކަރުތަކުން ނެރުނު ބަޔާނެއް ބުނެ އެވެ. އީރާނުގެ އަލްޢާލަމް ޓީވީ ބުނާގޮތުން އީރާނުން އަމިއްލައަށް އުފައްދާ "ޒަފަރު" މަރުކާގެ މިމިސައިލް ތަޖްރިބާކޮށްފައި ވަނީ އެގައުމުގެ އިންޤިލާބީ ލަޝްކަރުތަކުން މިހާރު ކުރިޔަށްގެންދާ ޢަސްކަރީ ތަމްރީންތަކެއްގަ އެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެކަމުގެ އިންޒާރު އިސްރާއީލުން ދެމުންގެންދިޔުމާ ގުޅިގެން އީރާން ގެންދަނީ ޢަސްކަރީ ޓެކްނޮލޮޖީ ތަރައްޤީކޮށް ޢަސްކަރީ ތަމްރީންތައް ވަރަށް ގިނައިން ބާއްވައި ދިފާޢީ ބާރުތައް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އީރާނުގެ އިރުދެކުނުގެ ސަރަޙައްދުތަކުގައި އެގައުމުގެ އިންޤިލާބީ ލަޝްކަރުތަކުން މިހާރު ވެސް ގެންދަނީ ތިން ދުވަހުގެ ޢަސްކަރީ ފަރިތަކުރުންތަކެއް ހިންގަމުންނެވެ.

އަނެއްކޮޅުން އީރާނުން ވަނީ ނިއުކްލިޔާ ހަކަތަ އުފެއްދުމަށް ޓަކައި ނިއުކްލިޔާ އިތުރު 16 އިންޖީނުގެ ބިނާކުރުމަށް ރާވާފައިވާކަން ހާމަކޮށްފަ އެވެ. މިއީ އީރާނަށް ބޭނުންވާ ހަކަތައިގެ މަދުވެގެން ހަތަރުބައިކުޅަ އެއްބައި ނިއުކްލިޔާ ހަކަތައިން ބޭނުންކުރުމަށް ރާވާފައިވާ ޕްރޮގްރާމެއްގެ ބައެއް ކަމަށް އެގައުމުގެ ގައުމީ ސަލާމަތާބެހޭ ވެރިޔާ ސަޢީދު ޖަލީލީ ވިދާޅުވި އެވެ. (އަލްޖަޒީރާ)