12 Oct 2010, 08:44
މިދިޔަ މަހު ހޯރަފުށީގައި މަރާލައި ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައިވަނިކޮށް ފެނުނު އެ ރަށު ސީވިއު ހުސައިން މަނިކު، 61، (ހުސޭނުބޭ) މަރުގެ ތަހުގުގެ ބޮޑުބައި ނިމިފައިވާތީ، ފުލުހުންނާއި ރަށު އޮފީހުގެ ހުއްދަ ނުހޯދައި ހޯރަފުށިން ފުރުމާއި އެ ރަށަށް އެރުން މަނާކޮށްފައި އޮތް އޮތުން ދޫކޮށްލައިފި އެވެ.
ހޯރަފުށިން ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވި އެ ރަށުގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ ފުލުހުން މަނާކޮށްފައި އޮތުމުން މިހާތަނަށް ވެސް ކޮންމެހެން ދާންޖެހިގެން ނޫނީ މީހުން ރަށުން ބޭރަށް ގޮސްފައި ނުވާ ކަށާއި ނަމަވެސް މިހާރު އެކަން ދޫކޮށްލުމުން ރަށަށް މީހުން އައުމާއި ފުރުން އިތުރުވެފައިވާ ކަމަށެވެ.
މަތި އުތުރު ޕްރޮވިންސްގެ ކައުންސިލަރު އަލީ ނަސީރު މިއަދު ވިދާޅުވީ ހުސޭނުބޭގެ މަރުގެ ހާދިސާ ތަހުގީގު ކުރުމަށް ރަށުގައި ފުލުހުން ފެށި ތަހުގީގާ ގުޅިގެން ފުލުހުންނާއި ރަށު އޮފީހަށް ނޭނގި ރަށުން މީހުން ފުރައިގެން ދިއުމާއި ރަށަށް މީހުން އެރުން މަނާކޮށްފައި އޮތް އޮތުން ދޫކޮށްލީ މިދިޔަ އާދީއްތަ ދުވަހު ފުލުހުން އެންގުމުން ކަމަށެވެ.
"ތަހުގީގާ ބެހޭ މައުލޫމާތު ފުލުހުން ގެންދަނީ އަޅުގަނޑުމެނާ ހިއްސާ ކުރައްވަމުން. އެކަމަކު ދެ ދުވަހެއްވެއްޖެ މައުލޫމާތު ނުދެއްވާތާ. އަޅުގަނޑަށް ކަށަވަރުވަނީ ތަހުގީގު އެއްކޮށް ނިމުނީ ކަމަށް. އެހެންވީމާ އެ ހުއްދަ ދެއްވެވީ ކަމަށް،" ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަރުގެ ހާދިސާގެ އިތުރު ތަހުގީގުތަކެއްގެ ހަރަކާތް ހިނގާތަން މިހާރު ނުފެންނަ ކަމަށެވެ.