25 Feb 2013, 16:17
ފ. ނިލަންދޫގައި މަސްކައްކައި ހިއްކުމަށް ދޫކޮށްފައިވާ ސަރަހައްދުގައި ކުރަމުން ގެންދިޔަ މަސް ހިއްކުމުގެ މަސައްކަތް ހުއްޓުވާލުމަށް ނިލަންދޫ ކައުންސިލް އިދާރާގެ މައްޗަށް އެ ރަށު ކޯޓުން ހުކުމްކޮށްފި އެވެ.
ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު އެ ގޮތަށް ހުކުމް ކޮށްފައި ވަނީ އެ ރަށު މުޝްތަރީގެއާގޭ އަބްދުﷲ އިބްރާހީމް އެރަށު ކައުންސިލްގެ މައްޗަށް ދައުވާ ކުރި މައްސަލަ ބެލުމަށް ފަހު އެވެ.
ނިލަންދޫ ކޯޓުގެ ހުކުމްގައި ބުނަނީ "ރާއްޖޭގެ ބިންވެށި ޕްލޭންކޮށް ހިންގުމުގެ ގަވާއިދުގައި" ވާގޮތުން މަސް ކެއްކުމާއި މަސް ހިއްކުމުގެ މަސައްކަތްކުރާ ބިމާއި މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދު މަދުވެގެން 100 ފޫޓުގެ ދުރުމިން ހުންނަން ޖެހޭ ކަމަށެވެ. ނަމަވެސް މަސްކައްކާ ހިއްކުމަށް ނިލަންދޫ ކައުންސިލުން ދޫކޮށްފައިވާ ބިމަކީ އެ ގަވާއިދާ ޚިލާފަށް އެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ސަރަހައްދެއްކަން ހުށަހެޅުނު ކިތާބީ ހެކިތަކުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
މަސްކައްކައި ހިއްކުމަށް ދޫކޮށްފައިވާ ބިމުގައި ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓުވުމަށް ކައުންސިލްގެ މައްޗަށް އަމުރު ކުރި އިރު ދެ ވަނަ ފަހަރަށް އެ ސަރަހައްދު ސިނާއީ މަސައްކަތެއް ކުރުމަށް ދޫކުރާ ނަމަ ގާނޫނުތަކާ ގަވާއިދުތަކުގެ އިމުގެ ދަށުން އަމަލު ކުރުމަށް ވެސް ކޯޓުން ވަނީ ކައުންސިލަށް އަންގާފަ އެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް އަބްދުލްޖަލީލް އަހްމަދު ވިދާޅުވީ އެ ރަށު ކޯޓުން ކައުންސިލްގެ މައްޗަށް މިއަދު ކުރި ހުކުމާ އެއްގޮތަށް ކައުންސިލުން އަމަލުކުރާނެ ކަމަށެވެ.