25 Feb 2013, 16:15
ގާނޫނާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނަރަލްގެ ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ ފައިސާ އަނބުރާ ނުހޯދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލަން ފަށައިފި އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އޮޑިޓާ ޖެނަރަލްގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒު "ނުކުރެވޭ" މައްސަލާގައި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ އަރިހުން އެކަން ސާފު ކުރުމަށް ކޮމެޓީގެ މެންބަރުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓްތައް ތަންފީޒު ނުކުރެވި، ގާނޫނާ ހިލާފަށް ހަރަދުކޮށްފައިވާ ފައިސާ ދައުލަތައް އަނބުރާ ނުހޯދިފައިވާ މައްސަލަ ސާފު ކުރުމަށް ބަންޑާރަ ނައިބަށް ސިޓީއެއް ފޮނުއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ބޮޑެތި ހިޔާނާތްވުމުން އެކަމުގައި ފިޔަވަޅު އަޅާ އުސޫލުން މާލިއްޔަތު ގާނޫނާ ހިލާފަށް އޮފީސްތަކުގެ އިދާރީ ގިނަ ކަންތައްތައް ކުރާނަމަ އެކަންތައްތައް އިސްލާހު ނުކުރާނަމަ، ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އޮޑިޓް ރިޕޯޓްތަކުގައި އޮފީސްތަކުގައި ފައިސާ ބަލަހައްޓާ ގޮތް އިސްލާހު ކުރުމަށް ތަކުރާރުކޮށް، އެންގުމުން ވެސް އެކަންތައްތައް އިސްލާހު ނުކުރާ ކަމަށެވެ.
ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ އޮޑިޓް ރިޕޯޓްތަކުގައި ބުނާ ކަންތައްތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރާ ނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގާނޫނާ ހިލާފަށް ކުރައްވާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނާ ފައިސާ ހޯދުން ކަމަށެވެ. އަދި އެ ފައިސާތައް ނުހޯދައި ފިޔަވަޅު ނޭޅިވާ މައްސަލަ ވެސް ބެލުމަށް ބޭނުންވާ ކަމަށް ހަމްޒާ ވިދާޅުވި އެވެ.