25 Feb 2013, 16:00
އެސްޓީއޯ އިން ސުޕޮންސާކޮށްގެން ބާއްވާ ލިވިން އެކްސްޕޯ 2013 ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.
ލިވިން އެކްސްޕޯ މިއަދު ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު އެވެ. އެއެކްސްޕޯ ހުޅުއްވުމުގެގޮތުން ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެ އެގްޒެބިޝަނައަކީ ރާއްޖޭގައި ބާއްވާ އެ ވައްތަރުގެ ފުރަތަމަ އެގްޒެބިޝަން ކަމަށާއި އެ އެގެޒެބިޝަނުން ފެންނަން ހުރީ ގެއެއް މަރާމާތްކުރުމަށާއި ގެއެއް ފުރިހަމަކުރުމަށް ބޭނުންވާ ސާމާނުތައް ކަމަށެވެ.
"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މިޒާތުގެ އެގްޒެބިޝަންތައް ބޭއްވުމަކީ ތަކެތި ގަންނަ ފަރާތްތަކަށާއި އެތަކެތި ވިއްކާ ފަރާތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް،" އަހުމަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކިއެކި ބުރޭންޑްތައް ވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ރާއްޖޭގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ވިސްނި އިންޑަސްޓުރިއަލް ޕުރޮޕަޓީ ގާނޫނެއް ތައްޔާރުކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގްޒެބިޝަނާ ގުޅޭ ގޮތުން މައުލޫމާތް ދެއްވަމުން ހައި ރައިޒްގެ ހެޑް އޮފް ކޮމިއުނިކޭޝަން މުހައްމަދު ސާޖިދު މިއަދު ވިދާޅުވީ އެއެގްޒެބިޝަންގައި 30 ކުންފުއްޏަކުން ބައިވެރިވާ އިރު އެ އެގްޒެބިޝަން މިއަދުން ފެށިގެން މިއަންނަ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 2:00 އިން ރޭގަނޑު 11:00 ޖަހަންދެން ކުރިއަށް ގެންދިއުމަށް ނިންމާފައި ކަމަށެވެ. އަދި ވިދާޅުވީ އެ އެގްޒެބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ނެގޭ ފަރާތްތަކަކަށް 42 އިންޗީގެ ޕެނަސޮނިކް ޓީވީ އަކާއި ފުލައި ދުބާއީގެ ދެކޮޅު ޓިކެޓަކާއި ބެޑް ރޫމްސެޓެއްގެ އިތުރުން އަގުބޮޑު ގިނަ އިނާމްތަކެއް ލިބިގެންދާނެ ކަމަށެވެ.
ހައިރައިޒްއިން އިންތިޒާމްކޮށްގެން ބާއްވާ މި އަހަރުގެ އެކްސްޕޯގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ރާއްޖެ އިން ބޭރުގެ ގިނަ ކުންފުނިތަށް ބައިވެރިވެ އެވެ. އަދި އެއެކްސްޕޯގައި ގޭތެރެ ޒީނަތްތެރިކުރަން ބޭނުންވާ ގިނަ ސާމާނުތަށް ދައްކާލަން ބަހައްޓާފައި އެބަހުއްޓެވެ.