ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދާއުވާގެ ޝަރީއަތަށް ނުފޫޒު ފޯރާގޮތަށް ވާހަކަފުޅު ނުދެއްކެވުމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ މައްޗަށް އަމުރުކޮށްދިނުމަށް އެމްޑީޕީން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.

އެމްޑީޕީން އެގޮތަށް އެދިފައި ވަނީ ރައީސް ނަޝީދުގެ ޝަރީއަތަށް ހޯމް މިނިސްޓަރު ޖަމީލު ނުފޫޒު ފޯރުވާ ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް އެ ޕާޓީން ދައުވާ ކުރި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން އެމްޑީޕީގެ ގާނޫނީ ވަކީލު އާއިޝަތު ލީޝާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ނަޝީދުގެ ޝަރީއަތް ނިންމަންޖެހޭ ކަމަށާއި އިންތިޚާބުގެ ކުރިން އެ ޝަރީއަތް ނުނިމިއްޖެނަމަ އެކަމުގެ ޒިންމާ ކޯޓުތަކުން އުފުލަން ޖެހޭނެ ކަމަށް ޖަމީލު ވިދާޅުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖަމީލުގެ އެ ވާހަކަފުޅުތަކުގެ ސަބަބުން ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ އަދުލުވެރިކަމާ އެކު ޝަރީއަތް ކުރުމުގެ ހައްގަށް އުނިކަމެއް ލިބޭ ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ކަމަށް ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

މިނިސްޓަރު ޖަމީލުގެ އެ ވާހަކަތަކަކީ އިންޒާރުގެ ބަސްތަކެއް ކަމަށާއި އެކަމުގެ ސަބަބުން ކޯޓުތަކުގެ މަސައްކަތައް ބަދަލު އައިސްފައިވާ ކަމަށް ވެސް ލީޝާ ވިދާޅުވި އެވެ. އެގޮތުން ޖަމީލުގެ ވާހަކަތަކަށް ފަހު ހައި ކޯޓަށް ނަޝީދު ހުށަހެޅުއްވި އިސްތިއުނާފު މައްސަލަ ވެސް އަވަހަށް ޝެޑިއުލްކޮށް އެ ކޯޓުން އެ މައްސަލަ ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ވާހަކަތަކަށް ރައްދުދެއްވައި ޑރ. ޖަމީލްގެ ގާނޫނީ ވަކީލު އަބްދުﷲ ސައީދު ވިދާޅުވީ އެ ދައުވާ އަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށެވެ. އަދި ކޯޓަށް ނުފޫޒު ފޯރުވައިފި ކަމަށް ކަނޑައަޅަން ޖެހޭނީ އެމްޑީޕީ ނޫން ކަމަށާއި އެކަން ކުރަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށް ވިދާޅުވެ އޭނާ ވާހަކަފުޅު ދެއްކެވި އެވެ.

ހޯމް މިނިސްޓަރު ޖަމީލު ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް އެމްޑީޕީން ތުހުމަތު ކޮށް ދައުވާ ކޮށްފައިވާއިރު އެއީ ޖިނާއީ މައްސަލައެއް ކަމަށާއި އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ޚާއްސަ މުއައްސަސާތަކެއް ގާއިމް ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ލިޔުމުން ދައުވާ އަށް ޖަވާބުދާރީވުމަށް ޖަމީލުގެ ވަކީލަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.