25 Feb 2013, 15:36
ހަބަރު ފެތުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަރުކަޒުތަކަށް ސެކިއުރިޓީ ދޭނެ ގޮތްތައް ބަލައި ހޯދުމަށް ސެކިއުރިޓީ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ސެކިއުރިޓީ އެސެސްމަންޓް ޔުނިޓާއި އިންޓެލިޖެންސް އެންޑް ކޯވަޓް ޕޮލިސިންގ ގުޅިގެން ހަދާ އެސެސްމަންޓަކީ މީޑިއާގެ ފަރާތްތަކަށާއި، އެ ތަންތަނަށް ހުރި ނުރައްކާތައް ދެނެގަތުމާއި އެފަރާތްތަކާއި ތަންތަނަށް އަތުވެދާނެ ހަމަލާއަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު އެއްކޮށް ކުރެވެންހުރި މަސައްކަތްތައް ދެނެގަތުމަށް ހަދާ އެސެސްމަންޓެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މިއަދު ފެށި ޕްރޮގްރާމުގެ ދަށުން ވަނީ ބައެއް މަރުކަޒުތަކަށް ވެސް ޒިޔާރަތްކޮށް އެތަންތަނާ ގުޅޭގޮތުން މަޢުލޫމާތު އެއްކޮށްފަ އެވެ. އެގޮތުން އެތަންތަނުގައި ސަލާމަތީ ފިޔަވަޅުތައް މިހާރު އަޅާފައި ހުރި ގޮތާއި އިތުރަށް ރަނގަޅު ކުރެވިދާނެ ކަންކަމާބެހޭ މަޢުލޫމާތު ހޯދައި ދިރާސާ ރިޕޯޓް ހަދަންފެށިފައި ވެއެވެ.
މީގެ އިތުރުން ޚަބަރުފަތުރާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުރި ނުރައްކަލާއި އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން ވެސް މަޢުލޫމާތު ހޯދައި ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކަށާއި އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރެވެންހުރި ކަންކަން ދެނެގަނެ ރިޕޯޓެއް އެކުލަވައިލުމަށްފަހު އެކަމުގައި ޢަމަލުކުރާނެ ގޮތްތަކެއް ފުލުހުންގެ ފަރާތުން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
ސެކިއުރިޓީ އެ ސެސްމަންޓެއް ހެދުމުގެ މަސައްކަތް ފުލުހުން ކުރާއިރު، މާލޭގައި ހިންގާ ހަމަނުޖެހުންތަކާ ކުރާ މުޒާހަރާ ތަކުގައި އެކިފަހަރު މަތިން ވަނީ މީޑިއާގެ ފަރާތްތަކަށާއި ޓީވީ ރޭޑިއޯ ސްޓޭޝަން ތަކަށް ހަމަލަދީފަ އެވެ. ދާދިފަހުން ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަސްވާޑަށް ދިން ހަމަލައާ ގުޅިގެން ލިބުނު ސީރިއަސް އަނިޔާތަކަށް އަދިވެސް އަންނަނީ ސްރީލަންކާގައި ފަރުވާ ދެމުންނެވެ.