ރާއްޖޭގައި ފައިސާގެ ގޮތުގައި އެކިދުވަސްވަރު ބޭނުންކުރެވުނު ތަކެތީގެ މައުލޫމާތު ހިމަނައިގެން "ކަރެންސީސް އެންޑް ކޮއިންސް އޮފް މޯލްޑިވްސް"ގެ ނަމުގައި ފޮތެއް ނެރެފި އެވެ.

ރާއްޖޭގެ ތާރީހާއި ތަރިކައިގެ މައުލޫމާތު އެއްކޮށް ރައްކާތެރި ކުރުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏެއް ކަމަށްވާ ލޮކޭޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މިއަދު ނޭޝަނަލް އާޓްގެލަރީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެފޮތް ނެރެދެއްވީ ދައުލަތަށް ގިނަދުހު ހިދުމަތްކުރެއްވި އިއްޒްތްތެރިއެއް ކަމަށްވާ އަބްދުއް ސައްތާރު މޫސާދީދީ އެވެ.

ފޮތް ނެރެދެއްވުމުގެ ރައްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުޙައްމަދު ވަހީދުއްދީނާއި އެ ފޮތް ލިޔުއްވި ލޮކޭޝަން މޯލްޑިވްސްގެ ވެރިޔާ މައިޒާން އަޙްމަދު މަނިކުގެ އިތުރުން އަދިވެސް ދައުލަތަށް ގިނަދުވަސްތަކެއް ވަންދެއް ހިދުމަތް ކުރެއްވި އިއްޒަތްތެރި ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ފޮތް ނެރެދެއްވުމަށްފަހު އެފޮތަކީ ވަރަށް ބޭނުން ތެރި އަދި އެހާމެ އަގުހުރި ފޮތެއްކަމަށް އަބްދުއްސައްތާރު މޫސާދީދީ ވިދާޅުވި އެވެ. އަދި އެފޮތުގައި ރާއްޖެއާބެހޭގޮތުން މާދިގުނޫން މައުލޫމާތުތަކެއް ހުރި ނަމަވެސް އެއީ ވަރަށް އަގުހުރި ހަމަ އެހާމެ މުހިއްމު މައުލޫމާތު ކޮޅެއް އެކުލެވޭ ސަފުހާތަކެއް ކަމަށާއި އަދި ރާއްޖޭގައި ވިޔަފާރީގައި ފައިސާގެ ގޮތުގައި ބޭނުން ކުރެވުނު ތަފާތު ބާވަތްތަކުގެ ތަސްވީރުތައްވެސް އެހާމެ ފުރިހަމަ ކަމަށް ވިދާޅުވި އެވެ.

ލޮކޭޝަން މޯލްޑިވްސްގެ ޑައިރެކްޓަރު އިބްރާހީމް މަޒްލީން ވިދާޅުވީ އެފޮތުގައި ރާއްޖޭގައި މިހާތަނަށް ބޭނުން ކުރި ފައިސާއާ އެއަށް އެކިދުވަސްމަތިން އައި ބަދަލުތަކުގެ މައުލޫމާތު ހިމެނޭނެ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކުރެވުނު ބޮލިން ފެށިގެން މިއަދު ބޭނުން ކުރަމުން މިދާ ކަރުދާސް ނޫޓާ ހަމައަށް ވަރަށް ތަފްސީލުކޮށް މައުލޫމާތު ހިމަނާފައިވާނޭ ކަމަށެވެ. ފޮތުގައި ހިމެނޭ ގިނަ މައުލޫމާތު އެއްކޮށްފައި ވާނީ ރާއްޖޭގެ ތާރީހު ދިރާސާކޮށް ކުރިން ލިޔުއްވި ބޭރުގެ ލިޔުންތެރިން ކަމަށްވާ އެޗްސީޕީ ބެލްއާއި އިބްނި ބަތޫތާ އާއި ޕިރާޑް ފަދަ ބޭފުޅުން ލިޔުއްވާފައިވާ ލިޔުންތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އަދި ދާރުލް އާސާރުގެ އެހީގައި ކަމަށެވެ.

މަޒްލީން ވިދާޅުވީ ލޮކޭޝަން މޯލްޑިވްސްގެ 5 މީހުންގެ ޓީމަކުން 2 އަހަރު ދުވަސްވަންދެން މައުލޫމާތު އެއްކޮށް އެކުލަވައިލުމުގެ މަސައްކަތް ކުރި ފޮތް ޕްރިންޓް މިކުރެވުނީ މަސައްކަތް ކުރާތާ ތިންވަނަ އަހަރުގައި ކަމަށެވެ. ކަރެންސީސް އޮފް މޯލްޑިވްސް ފޮތުގެ އަގަކީ 200 ރުފިޔާ އެވެ.