25 Feb 2013, 15:26
ރާއްޖޭގައި ނޫސްވެރިންނަށް ހަމަލާ ދެމުންދާ ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، މިހަމަލާތައް ދޭ މީހުން ލަސްނުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.
އައިއެފްޖޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅޭ މައުލޫމާތު ރާއްޖޭގައި މަސައްކަތް ކުރާ އައިއެފްޖޭގެ އެފިލިއޭޓް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އައިއެފްޖޭއާ ހިއްސާ ކުރަމުންދާ ކަމަށާއި، ރާއްޖެއިން ލިބެމުންދާ ރިޕޯޓުތަކާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
ރާއްޖެ ޓީވީގެ ހެޑް އޮފް ނިއުސް އިބްރާހިމް ވަހީދު (އަސްވާޑު) އަށް ދަގަނޑު ބުރިއަކުން ހަމަލާ ދިނުމުގެ ސަބަބުން މިހާރުވެސް ކޮލޮމްބޯގެ ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި އަސްވާޑަށް ސިއްހީ ފަރުވާ ދެމުންދާއިރު، ހުކުރު ދުވަހުގެ ރޭ އެމްބީސީގެ ދެ ނޫސްވެރިއަކަށް ވެސް ހަމަލާދީފައި ވެއެވެ.
އައިއެފްޖޭއިން ބުނީ މިހަމަލާތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނަށް އަމާޒުކޮށްގެން އެމީހުންނަށް ބިރުދެއްކުމަށް ދެމުންދާ ހަމަލާތަކެއްގެ ގޮތުގައި ސިފަވާ ކަމަށާއި، މިކަހަލަ ހުރިހާ ކަމެއްވެސް އެޖަމިއްޔާއިން ކުށްވެރި ކުރާ ކަމަށެވެ.
"އެމްޖޭއޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހަމަލާތަކަކީ ނޫސްވެރިންނަށް ބައެއް ސޯޝަލް މީޑިއާގައި އެކި އެކި ގޮތް ގޮތުން އިންޒާރުތައް ކުރުމަށް ފަހު ދީފައިވާ ހަމަލާތަކެއް. އެމްޖޭއޭ އިން މިހަމަލާތައް ސިފަކޮށްފައި ވަނީ މިހާރު ރާއްޖޭގައި ކުރިއަށްދާ ސިޔާސީ ކަންކަން ހަމަހަމަކަމާއި، މިނިވަން ކަމާއެކު ރިޕޯޓުކުރުވުން ހުއްޓުވުމަށްޓަކައި ދެމުންދާ ހަމަލާތަކެއް..." އައިއެފްޖޭގެ ބަޔާނުގައި ވެއެވެ.
މިހަމަލާތަކުގެ ފަހަތުގައިވާ ފަރާތްތައް ލަސްނުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި، ނޫސްވެރިން ހިމާޔަތްކުރުމަށް ކުރެވެން ހުރި އިތުރު މަސައްކަތްތައް ވެސް ކުރުމަށް އައިއެފްޖޭއިން ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ.