25 Feb 2013, 15:21
ދުނިޔޭގެ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަމުންދާއިރު މިއަދު އަޅުގަނޑުމެންގެ ތެރެއިން ފެންނަމުން ދަނީ އަޅުގަނޑުމެންގެ ދިވެހިބަހާ ދޭތެރޭގައި ގިނަބަޔަކު ވަރަށްބޮޑަށް އިހްމާލުވަމުންދާތަން ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ދިވެހިބަހުގެ އެކަޑަމީ" އިން އިންތިޒާމު ކޮށްގެން އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަވީރެއްގައި ވާހަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި މުއާމަލާތުކުރުމުގައި ދިވެހި ބަހާ ދޭތެރޭގައި ގިނަ ބަޔަކު އިހްމާލުވަމުންދާތީ އެކަމާ ވަރަށްބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ.
"ދިވެހީންގެ މެދުގައި ހާއްސަކޮށް، ޒުވާނުންގެ ތެރޭގައި، ދިވެހިބަހުން މުއާމަލާތު ކުރަމުންދާއިރު، ބަހާ ދޭތެރޭގައި އިހުމާލުވަމުންދާތަން މިއަދު ފެންނަމުންދާތީ، އެކަމާ ވަރަށް ހިތާމަ ކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބަހުގެ ހަމަތަކަށް ބަލައިލުމެއް ނެތި ވާހަކަ ދައްކައި ނުވަތަ ލިޔެ ހަދަމުން ދާނަމަ އެކަމުން މުޅި މުޖްތަމައު އަށް ކޮށްފާނެ ނޭދެވޭ އަސަރާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނައި ހިޔާލުކުރަން އެބަ ޖެހޭ ކަމަށެވެ.
"ހާއްސަކޮށް މައިން ބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވަން އެބަ ޖެހޭ. ކުދިން ޝައުގުވެރިވާ ގޮތަށް ދިވެހިބަސް ކިޔަވައިދެއްވުމަކީ، މުދައްރިސުންނާއި، ތައުލީމީ ދާއިރާގެ ހިންގުންތެރިން މިއަދު ވަރަށްބޮޑު ސަމާލުކަމެއް ދެއްވަން ޖެހިފައިވާ ކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ދިވެހިބަހުން ވާހަކަ ދެއްކުމުގައި ބޭރުބަސް ބޭނުންކުރުމުގެ ބަދަލުގައި ދިވެހިބަހެއް އޮތްތޯބަލައި ދިވެހިބަސް ވީހައިވެސް ބޮޑަކަށް ބޭނުން ކުރުމަކީ ބަހަށް ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމެކެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނަ އިރު ބޭރު ބަސްތަކުގެ އަސަރު ދިވެހިބަހަށް ނުފޫޒު ދިވެހި ބަހަށް ފޯރައި އޭގެ ނޭދެވޭ އަސަރު އަޅުގަނޑުމެންގެ ޅަދަރިންނަށްވެސް ކުރަމުންދާ ކަމަށެވެ.
"ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅުމުގެ ސަބަބުން އެމީހުންގެ ބަހުރުވައާއި، ވާހަކަ ދެއްކުމުގެ ގޮތްތައް، އަޅުގަނޑުމެންގެ ޅަދަރިންނަށް ނަގައިގަނެވި، އެގޮތަށް ދިވެހިބަސް ބޭނުންކުރުމުން، ދިވެހިބަހަށް ވަރަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އަންނަމުންދޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ދިވެހިބަހަށްޓަކައި އަޑު އުފުލުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި އިއްޔެ ބޭއްވި ހަވީރުގައި [ދިވެހިބަހަށްޓަކައި މުޅި ގައުމު] މި ޝިއާރުގެ ދަށުން 30 ސިކުންތުގެ އަތުގުޅާލުމުގެ ވަގުތުކޮޅެއް ގެނައެވެ.
މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިބަހުގެ އެކަޑަމީން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން ތައުލީމީ ވަޒީރު ޑޮކްޓަރު ޢާޞިމް އަޙްމަދާއި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީއާއި، ދިވެހިބަހުގެ އެކަޑެމީގެ މެންބަރު ޢަބްދުއްރަޝީދު ޙުސައިން އާއި ދިވެހިބަހުގެ ގިނަ އަދަދެއްގެ މުސައްރިސުންނާއި ސްކޫލް ކުދިންނާއި އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.