ހައްޖަށް މީހުން ގެންދިއުމަށް އެދި ކުރިމަތިލެވޭނީ ދިވެހި ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ޕަބްލިކް ނުވަތަ ޕްރައިވެޓް ކުންފުނިތަކަށް ކަމަށް ހަމަޖައްސައި އެކަމާ ބެހޭ އުސޫލެއް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފި އެވެ.

"ދިވެހި ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާއިބެހޭ އުސޫލު"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން އިއްޔެ އާއްމުކުރި އެ އުސޫލު ބޭނުމަކީ ދިވެހި ރާއްޖެއިން ހައްޖަށްދާ މީހުންނަށް ރަނގަޅު ޚިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ލިބި ދިނުމާއި، ރާއްޖެއިން ހައްޖަށްދާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ އިތުރުން ރާއްޖެއިން ހައްޖަށް މީހުން ގެންދާ ކުންފުނި ތަކުގެ ހައްގުތައް ހިމާޔަތް ކުރުން ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.

އެ އުސޫލުގައި ބުނެފައިވަނީ ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހަޅާ ކުންފުނި ތަކުގެ މަގުސަދު ތަކުގެ ތެރޭގައި ހައްޖަށް މީހުން ގެންދިއުމުގެ ޚިދުމަތް ދިނުން ހިމެނިފައި އޮންނަންވާނެ ކަމަށެވެ. އަދި ހުއްދައަށް އެދޭ ކުންފުނީގެ ޑައިރެކްޓަރުންނަނީ، ހުއްދައަށް އެދި ހުށަހަޅާ ދުވަހާއި ހަމައަށް، ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމަށް ނަގާ ފީ އާ ބެހޭގޮތުން އެ އުސޫލުގައި ބުނެފައިވަނީ ހައްޖަށް ގެންދިއުމުގެ ފީގެ ގޮތުގައިވެސް ނުވަތަ އެހެން ނަމެއްގައިވެސް ހައްޖަށް ގެންދިއުމާ ގުޅޭ އެއްވެސް ކަމަކާ ގުޅޭގޮތުން، އެ ކުންފުންޏަކުން ނެގުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ އަގަކަށްވުރެ އިތުރަށް އެއްވެސް މީހެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެ ކަމަށާއި، ނަމަވެސް ޖީއެސްޓީ އަށް ވާ ފައިސާ އިތުރަށް ހިމެނިދާނެ ކަމަށެވެ. އަދި ހައްޖަށް މީހުން ގެންދާ ކޮންމެ ކުންފުންޏަކުންވެސް ސައޫދީ އަރަބިއްޔާގެ ހައްޖު ކަންކަމާއި ގުޅޭ މުއައްސަސާ ތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިވާ ކުންފުނި ތަކުގެ ޒިންމާއެއް ކަމަށްވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.

އެ އުސޫލުގައި ބުނެފައިވަނީ ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށްޓަކައި ނަގާ ފައިސާ ޖަމާކުރުމަށް ދިވެހި ރާއްޖޭގައި ބޭންކެއްގައި ޚާއްސަ ކަރަންޓު އެކައުންޓެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ހައްޖަށް މީހުން ގެންދިއުމަށް ނަގާ ފައިސާއަކީ ވަރަށް ބޮޑު އަމާނާތަކަށް ވާތީ އެ ފައިސާ ހައްޖާ ގުޅުންހުރި ކަމަކަށް ނޫނީ ޚަރަދު ކޮށްގެން ނުވާނެ ކަމަށާއި، އަދި ހާޖީންގެ އަތުން ނަގާ ހުރިހާ ފައިސާއެއް އެ އެކައުންޓަށް ޖަމާކުރަން ވާނެ ކަމަށެވެ.

ރާއްޖެއިން ހައްޖަށް ދާން އެދޭ މީހުންގެ ތެރެއިން ފަރުލު ހައްޖު ކުރަންދާ މީހުންނަށް އިސްކަން ދިނުމަށްވެސް އެ އުސޫލުގައި ލާޒިމް ކޮށްފައި ވެއެވެ. އެގޮތުން ކޮންމެ ކުންފުންޏަކަށް ދޫކުރާ ކޯޓާގެ ތިރީސް އިންސައްތަ ފަރުލު ހައްޖުކުރާ މީހުންނަށް ޚާއްސަކުރަން ވާނެ ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.