25 Feb 2013, 14:57
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "ދިވެހި ލީގު" މި ފަހަރުވެސް ދިރާގުން ސްޕޮންސާ ކޮށް 1.3 މިލިޔަން ރުފިޔާގެ ސްޕޮންސާޝިޕް އެއްބަސްވުމެއްގައި ދިރާގާއި އެފްއޭއެމްއާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އިންތިޒާމްކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް "ދިވެހި ލީގު" ރާއްޖޭގެ އެންމެ ދުވަސްވީ މުވާސަލާތީ ހިދުމަތްދޭ ކުންފުނި ކަމަށްވާ ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑުން ސްޕޮންސާކުރާ މިއީ ހަތްވަނަ ސީޒަން އެވެ. މީގެ ކުރިން ތިން ސީޒަނެއްގައި ދިރާގުން ދިވެހި ލީގު ސްޕޮންސާ ކުރުމަށްފަހު އެއް ސީޒަންގެ މެދު ކެނޑުމަކަށްފަހު ވޭތުވެ ދިޔަ ތިން ސީޒަންގައި ވެސް ލީގު ސްޕޮންސާ ކޮށްފައި ވަނީ ދިރާގުން ނެވެ.
ކުރީގެ ސީޒަންތަކާ ހިލާފަށް މިފަހަރުގެ އެއްބަސްވުމުގެ ދަށުން މުބާރާތުގެ މެއިން ސްޕޮންސާގެ ގޮތުން ދިވެހި ލީގުގެ ނަން "ދިރާގު ދިވެހި ލީގު"ގެ ގޮތުގައި ބޭނުން ކުރުން ފިޔަވައި ދިރާގަށް މާބޮޑު ފައިދާތަކެއް ލިބިފައި ނުވާކަމަށްވެ އެވެ. އެގޮތުން މީގެ ކުރިން މުބާރާތުގެ ޓީވީ ރައިޓްސްއާއި ދަނޑުގެ ވަށައިގެންވާ ބޯޑުތަށް އިޝްތިހާރު ކުރުމުގެ ރައިޓްސް ދިރާގަށް ލިބިދީފައި ވާއިރު މި ފަހަރު އެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ސީދާ އެފްއޭއެމްގެ ބެލުމުގެ ދަށުން އެ އިދާރާއިންނެވެ.
އެފްއޭއެމްއާ އެކު ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ މިފަހަރުވެސް ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު "ދިރާގު ދިވެހި ލީގު"ގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ އެ ކުންފުނިން ވަރަށްބޮޑަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ.
"ދިވެހި ލީގު [ދިރާގު ދިވެހި ލީގު] ގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އަނެއްކާވެސް އިތުރު އަހަރަކަށް ދިރާގަށް ލިބިގެން ދިޔަ ކަމަށްޓަކައި އަޅުގަނޑު ވަރަށް ފަހުރުވެރި ވަން،" އިސްމާއީލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ގިނަ ބަޔަކު އެކުޅިވަރެއްގައި ޝަމިލްވާ ކުޅިވަރަކީ ފުޓްބޯޅަ ކަމަށްވެފައި އެންމެ ގިނަ ޒުވާނުން ވެސް އެންމެ ބޮޑަށް އެ ކުޅިވަރެއްގެ ތެރޭގައި ހަރަކާތްތެރިވާ ކުޅިވަރަކީ ފުޓްބޯޅަ ކަމަށް ވުމުން އެކުޅިވަރުގައި ދިރާގުގެ ބައިވެރިވުމެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެވަޑައި ގަންނަވާ ކަމަށެވެ. އަދި މުބާރާތް އިޝްތިހާރުކުރުމަށް ދިރާގުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް އިލްހާމް ވިދާޅުވީ ދިރާގާ އެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެ އެއްބަސްވުމުގައިވާ ގޮތަށް ދިވެހި ލީގު އޮންނާނީ "ދިރާގު ދިވެހި ލީގު ގޮތުގައި" ކަމަށާއި އަދި އެފްއޭއެމްއިން ދިރާގާއެކު ވެފައިވާ އެއްބަސްވުމަށް އިހްތިރާމްކޮށް އެއާ އެއްގޮތަށް އަމަލު ކުރަށްވާނޭ ކަމަށެވެ.