12 Oct 2010, 08:16
މިދިޔަ ހޮނިހިރު ދުވަހު ކެނޯ އެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލިފައިވާ ހުޅުދުއްފާރު ތިން ކުދިން ހޯދުމުގެ މަސައްކަތް ހުއްޓައި ނުލައި ކުރިޔަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މޭޖާ އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ ކެނޯގައި ފަލިޖަހާފައި ގާއުނޑޫދު އަށް ދަނިކޮށް ގެއްލި، ހަބަރެއް ނުވެފައިވާ ހުޅުދުއްފާރު ފަސާނާ އުމުރުން 13 އަހަރުގެ އަހުމަދު ޖުނައިދާއި، އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހީމް ޝާދިން 9، އާއި އެ ރަށު ވައިޓްރޯސް އަލީ އަޝްރަފް 9، ހޯދުމުގެ މަސައްކަތުގައި މިއަދު ވެސް ކަނޑާއި ވައިގެ މަގުން މެދު ކަނޑައިނުލާ ހޯދަމުން އަންނަ ކަމަށެވެ.
"މިއަދު ވެސް ކަނޑު އަޑީގައި ޑައިވް އެބަކުރޭ. ކަނޑުމަތީން ބަލަމުން އެބަދޭ. ވައިގެ ސަރަހައްދުން ބަލަމުން އެބަދޭ." މޭޖާ އަބްދުއްރަހީމް ވިދާޅުވި އެވެ. "ވައިގެ މަގުންނާއި ކަނޑު މަގުން ވަރަށް ބޮޑު ސަރަހައްދެއް ބެލިއްޖެ ހާއްސަކޮށް ވައިގެ މަގުން، އެއާކު ޑައިވްކޮށްގެން މެދުނު ނުކެނޑި މިދަނީ ބަލަމުން،"
މޭޖާ ވިދާޅުވީ ތިން ކުދިން ހޯދުމަށް ކުރާ މަސައްކަތް ހުއްޓައިލާ ގޮތަށް އަދި ޖެހިފައި ނުވާ ކަމަށާއި މި ހޯދު ކުރިޔަށް ގެންދާނެ ކަމަށެވެ.
ތިން ކުދިން ގެއްލުނުކަން އެނގުނީ މިދިޔަ ހޮނިހިރު ހެނދުނު ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތް ފަހުން ހަބަރެއް ނުވެގެން އެ ތިން ކުދިންގެ އާއިލާގެ ފަރާތުން ރިޕޯޓް ކުރުމުންނެވެ.