މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓުން ހޯދާ ހުރިހާ ކާމިޔާބީތަކުން ރާއްޖޭގެ ފުޓްބޯޅައަށް ރީތި ނަމެއް ލިބިގެން ދާނެ ކަމަށާއި އެކަން ނިއުއިން މިފަހަރުގެ ސީޒަނުގައި ސާބިތު ކޮށްދޭނެ ކަމަށް އެކުލަބުގެ ކޯޗް ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ބުނެފި އެވެ.

ސަން އަށް މިއަދު ދިން ހާއްސަ އިންޓަވިއުއެއްގައި ވެލިޒާ ޕޮޕޯފް ބުނީ، ނިއު ރޭޑިއަންޓަކީ ރާއްޖެ އަށް ބަލާ އިރު ވަރުގަދަ ޓީމެއް ކަމަށް ގަބޫލުކުރެވޭ ވަރުގެ ޓީމެއް ކަމަށާއި އެގޮތުން މިހަރުގެ ސީޒަނުގައި އެ ޓީމުން ކުރިމަތިލާ ހުރިހާ މުބާރާތްތަކަކީ ވެސް ވަރުގަދަ މުބާރާތްތަކެއް ކަމަށެވެ. އެހެންކަމުން އެމުބާރާތްތަކުން ހޯދާ ކާމިޔާބީތަކުން ރާއްޖޭގެ ފުޓްބޯޅަ އަށް ރީތި ނަމެއް ނިއު މިފަހަރު ހޯދާދޭނެ ކަމަށް ޕަޕޯފް ގަބޫލުކުރެ އެވެ.

"އަހަރެން ބޭނުން ނިއުއާ އެކު ރާއްޖޭގެ ފުޓްބޯޅައަށް ރީތި ނަމެއް ހޯދަދޭން. ނިއުއާ މެދު އަހަރެން ވަރަށް އުންމީދު އެބޮތް. އަހަރެންގެ ޓީމުގައި ތިބި ކުޅުންތެރިންނާ މެދު ވެސް ވަރަށް އުންމީދު އޮތް." ޕަޕޯފް ބުންޏެވެ.
ޕަޕޯފް ބުނީ، ނިއުގެ ފުރަތަމަ އަމާޒަކީ ކުރިއަށް އޮތް އޭއެފްސީ ކަޕުގެ ފައިނަލުގައި އެޓީމް ވާދަކުރާ ތަން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފެނުން ކަމަށާއި ހަމަ އެއާ އެކު އެމުބާރާތުގެ ތަށި މިފަހަރު ރާއްޖެއަށް ގެނައުން ކަމަށެވެ. އަދި އެކަން ކުރުމުގައި ހިތްވަރާ އެކު ހުރިހާ ކުޅުންތެރިން މަސައްކަތް ކުރާނެ ކަމުގެ އުންމީދު އެބޮތް ކަމަށް ވެސް އޭނަ ބުންޏެވެ.

"އޭއެފްސީ ކަޕުން ނިއު ރަނގަޅު ހިސާބަކަށް ގެންދަން ވަރަށް މަސައްކަތް ކުރާނަން. އެއީ އަހަރެންގެ ވަރަށް ބޮޑު ޓާގެޓެއް،" ޕޮޕޯފް ބުންޏެވެ.

އޭފްސީ ކަޕުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ވާދަކުރަނީ ގްރޫޕް އެފްގަ އެވެ. އެޓީމުގެ އިތުރުން އެ ގުރޫޕްގައި ހިމެނެނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އާއި ހޮންކޮންގްގެ ސަންރޭ ކޭވް ޖޭސީ ސުންހައި އާއި އިންޑޮނީޝިއާގެ ޕަރްސީބޯ އެވެ.

ދެ އަހަރު ދުވަހުގެ ކޮންޓުރެކްޓެއްގައި ނިއުގެ ހެޑް ކޯޗް ކަމާ ހަވާލުވި ޕޮޕޯފް އަކީ ޒުވާން ކޯޗަކަށް ވުމުން ނިއުރޭޑިއެންޓުގައި މިހާރު އޮތް ޒުވާން ބޯޑާއި މެނޭޖްމަންޓާއެކު މަސައްކަތް ކުރުމަށް ފަސޭހަވެގެން ދާނޭ ކަމަށް އެކުލަބުން ވެސް ބުނެފައިވެ އެވެ. އަދި ޕޮޕޯފް އަކީ 2002 ވަނައަހަރު ހިސާބުގައި ޕޯޓޯ ގަލަތަސަރާއީ ސްޕޯޓިން ލިޒްބަން ފަދަ ޓީމުތަކަށް ކުޅުނު ބުރެޒިލް ގައުމީޓީމުގެ ކުރީގެ މަޝްހޫރު ފޯވަޑް މާރިޔޯ ޖާޑެލް އަށް ވެސް އޭނާ ވަނީ ކޯޗުކަން ކޮށްދީފަ އެވެ. އެހެން ކަމުން ރާއްޖޭގެ ފަސްޓް ޑިވިޒަން ޓީމެއްގެ ކުޅުންތެރިންނަށް މިފަދަ ތަޖުރިބާތަކެއް ކޮށްފައި ހުރި ރަނގަޅު ކޯޗަކު ލިބުމުން އޭގެ ފައިދާތައް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ނިއުގެ ޗެއާމަން ބަލަކް ވެސް މީގެ ކުރީން ވަނީ ވިދާޅުވެފަ އެވެ.

ވެލިޒާރު ޕޮޕޯފް އާ އެކު އެސިސްޓެން ކޯޗުންގެ ގޮތުގައި ނިއުރޭޑިއެންޓުގެ ސީނިއާ ޓީމުގައި މަސައްކަތް ކުރާނީ ނިއުރޭޑިއެންޓްގެ ޔޫތު ޓީމުގެ ކޯޗު ކުރީގެ މަޝްހޫރު ގޯލްކީޕަރު އިގުބާލް އާއި ކުރީގެ ގައުމީޓީމުގެ މަޝްހޫރު ފޯވަޑް ތޮއްޑޫ ނިޒާމެވެ.